ގާނޫނުއަސާސީގެ 8 ވަނަ އިސްލާހު ގެންނަނީ އަސާސީ އޮނިގަނޑަށް ތޯ ބަލާއިރު، އަސާސީ އޮނިގަނޑު ދެނެގަނެވޭނެ މާ ސާފު ”ކްރައިޓީރިއާއެއް“ ނެތް ކަމަށް ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ބާ ކައުންސިލުން ބޭއްވި ފޯރަމްގައި ރައްޔިތުންގެ މަޖިލީހައި ރިޔާސީ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާއި ގުޅިގެން ދިޔާނާ ވަނީ މުހިންމު ނުކުތާ ތަކެއް ފާހަގަކުރައްވާފައެވެ. އެގޮތުން ގާނޫނުއަސާސީއަށް ގެނެވޭ 8 ވަނަ އިސްލާހަކީ ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑަށް ގެނެވޭ ބަދަލެއްތޯ ކުރި ސުވާލަށް ޖަވާބު ދެމުން ދިޔާނާ ވިދާޅުވީ ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑޭ ބުނާއިރު ދެ ދަރަޖައެއްގެ ވާހަކަ އޮތް ކަމަށް މީހުން ފާހަގަކުރާ ކަމަށެވެ.
އެއްކަމަކީ ބަދަލުކުރެވޭ ވާހަކަތަކަކާއި އަދި ނުކުރެވޭ ކަންތައްތަކެއްގެ ވާހަކަ ފާހަގަކޮށް، ދިޔާނާ ފާހަގަކުރެއްވީ މިއީ ދެ ދަރަޖައެއްގެ ކަންކަން ކަމަށް ބަހުސްތައް ކުރެވޭ ކަމަށެވެ. އެހެންނަމަވެސް މިގޮތާއި ހިލާފަށް މުޅި ގާނޫނުއަސާސީ އަކީ އަސާސީ އޮނިގަނޑު ރާވާލާ އެއްޗެއްކަމަށް ގަބޫލު ކުރެވޭ ކަމަށް ދިޔާނާ ވިދާލުވިއެވެ.
”ފުރަތަމަ ކަމަކަށް ކޮބާހޭ އަސާސީ އޮނިގަނޑަކީ؟ އަޅުގަނޑު މި ސުވާލު އުޒްތާޒް ޝާހީނާއި ކުރާއިރު ޝާހީން ވިދާޅުވާނެ އެވެނި މިވެނި މާއްދާތަކޭ ތިމަންނައަށް ގަބޫލު ކުރެވެނީ. އެހެނިހެން ބޭފުޅުންނަށް މި ސުވާލު ކުރެއްވި ނަމަވެސް އެބޭފުޅުންގެ ހިޔާލުގައި ހުރި މާއްދާތައް ވިދާޅުވާނެ. ހަމަ އެގޮތަށް އަޅުގަނޑުގެ ހިޔާލުގައިވެސް އަސާސީ އޮނިގަނޑަކީ އެފަދަ މާއްދާތަކެއް. މީޣައި އަޅުގަނޑު ފާޙަގަކުރަން ބޭނުންވާ އެއްޗަކީ އަސާސީ އޮނިގަނޑު ދެނެގަންނާނެ މާ ސާފު ކްރައިޓީރިއާއެއް ނެތޭ، މާ ސާފު ޓެސްޓެއް ނެތޭ“
އަސާސީ އޮނިގަނޑަކީ މިއީ ތަންކޮޅެއް ނުސާފު މަފްހޫމެއް ކަމަށް ދިޔާނާ ވަނީ ފާޙަގަކުރައްވާފައެވެ. ދިޔާނާ ވިދާޅުވީ ގާނޫނުއަސާސީގެ އަސާސީގެ އޮނިގަނޑަކީ ވަކި މާއްދާތަކެއް ކަމަށް އެއްބަސް ވެވޭ ހާލަތުގައި ވެސް އެ އޮނިގަނޑަށް ބަދަލުތައް ގެނެވިދާނެތޯ މިއީ އުފެދޭ ސުވާލެއް ކަމަށެވެ. ދިޔާނާ ވިދާޅުވީ ބަދަލު ނުކުރެވޭނީ ތިން ހާލާތެއްގައި ކަމަށެވެ.
އެކަމުގެ ތަފްސީލްތައް ދެއްވާ ދިޔާނާ ވިދާޅުވީ ގާނޫނުއަސާސީގެ ނައްސުގައި ވަކި މާއްދާތަކަކީ ބަދަލު ނުކުރެވޭނެ މާއްދާތަކެއްކަމަށެވެ. އެގޮތުން ދިޔާނާ ވަނީ އެފަދަ މާއްދާތަކެއްގެ މިސާލުތަކެއްވެސް އެކި ގައުމުތަކުގެ ގާނޫނުއަސާސީން ދެއްވާފައެވެ. އެކަން ފާހަގަކުރައްވާ ދިޔާނާ ވިދާޅުވީ ދުނިޔޭގެ ބައެއް ގާނޫނުއަސާސީ ތަކުގައި ބައެއް ގައުމުތަކުގައި އެފަދަ މާއްދާތަކެއް (Eternity Clause) އޮންނަ ކަމަށާއި އެހެންނަމަވެސް ރާއްޖެގެ ގާނޫނުއަސާސީގައި އެކަން ފާހަގަކޮށްފައި ނުވާ ކަމަށެވެ.
ބަދަލު ނުކުރެވޭނެ އަނއް ހާލަތަކީ ރާއްޖޭގެ ކޯޓުތަކުން މާނަކޮށް، ގާނޫނީ ނިޒާމުގެ ތެރެއަށް ޑޮކްޓްރިންގ އެއް އެތެރެކުރާ ނަމަ އެކަންވެސް ފާހަގަކުރޭ ކަމަށް ދިޔާނާ ވިދާޅުވިއެވެ. އަދި މިވަގުތު ކޯޓޫތަކަށް އެބާރު އޮތްތޯ ނުވަތަ ނެތްތޯ، ބަލާއިރު، ދިޔާނާގެ ސްޓޭންޑަކީ އެބާރު ކޯޓުތަކަށް ނެތް ކަން ކަމަށްވެސް އޭނާ ފަހަގަކުރެއްވިއެވެ. އޭނާ ފާޙަގަކުރެއްވި ގޮތުންނަމަ އެއީ ރައްޔިތުންގެ މަންދޫބުންނަށް ކުރެވޭނެ ކަމެއް ކަމަށާއި، ކޯޓުން އެފަދަ ކަމެއް ކޮށްފިނަމަ އެކަން ވާނީ ”ބައުންޑްރީ އޯވަރސްޓެޕް“ ކުރުން ކަަމށް ދިޔާނާ ފާހަގަކުރެއްވިއެވެ.

