ސައުދީ އަރަބިއާގެ ގައުމީ އެއާލައިން، ސައުދިއާ އިން ދިވެހިރާއްޖެއަށް ސީދާ ދަތުރުތައް ފެށިތާ 10 އަހަރު ފުރުން ކުލަގަދަގޮތެއްގައި ފާހަގަކޮށްފިއެވެ.
މި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން، ރާއްޖެ އައި ސައުދިއާގެ ފްލައިޓް SV838 އިން ދަތުރުކުރި ފަސިންޖަރުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. މީގެ އިތުރުން، އެ އެއާލައިނުން މިއަދު ފުރި ފަސިންޖަރުންގެ އަގުވަޒަންކުރުމުގެ ގޮތުން އެ ފަރާތްތަކަށް ވަނީ ހާއްސަ ހަދިޔާތަކެއް ބަހާފައެވެ.
ސައުދިއާ އިން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ 30 މާރިޗު 2016 ގައެވެ. ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި އެ އެއާލައިނުން ވަނީ މެދުނުކެނޑި ރާއްޖެއަށް ދަތުރުތައް ބާއްވައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިދީފައެވެ. ޚާއްޞަކޮށް މެދުއިރުމައްޗާއި ޔޫރަޕްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމުގައި ސައުދިއާ އިން މުހިންމު ދައުރެއް އަދާކުރެއެވެ.
މި ދަތުރުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބުނު ފައިދާގެ އިތުރުން، ދިވެހިރާއްޖެއާއި ސައުދީ އަރަބިއާއާ ދެމެދު އޮންނަ ޒަމާންވީ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިވެ، ދެ ގައުމުގެ ދެމެދުގައި ދަތުރުފަތުރާއި ވިޔަފާރީގެ މުހިންމު ފާލަމަކަށް މި އެއާލައިން ވަނީ ވެފައެވެ.
10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި މި ހަރަކާތްތަކަކީ، ސައުދިއާ އާއި ރާއްޖެއާ ދެމެދު އޮތް ވަރުގަދަ ގުޅުން ރަމްޒުކޮށްދޭ އަދި ކުރިއަށް އޮތް ތަނުގައިވެސް މި ހިދުމަތް އިތުރަށް ފުޅާވެގެންދާނެ ކަމުގެ އުންމީދު އާކޮށްދިން ކަމެކެވެ.

