ޖަޕާނުގައި މިވަގުތު އުޅުއްވަނީ އަމިއްލަ ބޭނުމެއް އޮތުމުންނެއް ނޫންކަމަށް ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ކުރީގެ ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް މިހެން ވިދާޅުވީ ޒުވާނުން ބާރުވެރިކުރުމާއި އެކި ދާއިރާތަކުން މައުލޫމާތު ދިނުމަށް މިއަދު ޔޫތު ހަބްގައި ބޭއްވި ޔޫތު ލީޑަރޝިޕް ވޯކްޝޮޕެއްގައި ވާހަކަ ދައްކަވަމުންނެވެ.
މަހްލޫފް ވިދާޅުވީ އޭނާ ޖަޕާނުގައި މިވަގުތު ހުންނެވީ އަމިއްލަ އެދުމެއް އޮވެގެން ނޫން ކަމަށާއި، އާއިލާއާއި ރައްޓެހިން ރާއްޖޭގައި ތިބުމާއެކު އެއީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި އޭނާގެ ސިޔާސީ ހަޔާތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ، ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތީ އެއްވެސް އާއިލީ ނުފޫޒެއް ނުވަތަ ބާރެއް އޮވެގެން ނޫން ކަމަށާއި، މިއީ އަމިއްލަ މަސައްކަތުން ހޯދި ކުރިއެރުމެއް ކަމަށެވެ.
ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފައްދަން އުޅުނު ދުވަސްވަރުން ފެށިގެން މި ދާއިރާއަށް ޝައުގުވެރިކަން ހުރިކަން ފާހަގަކުރައްވަމުން މަހްލޫފް ވިދާޅުވީ، ޑީއާރުޕީ އުފެދުމުން އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ނައިބު ރައީސްކަމަށް ކުރިމަތިލައި އިންތިހާބު ކާމިޔާބު ކުރެއްވި ކަމަށެވެ. އަދި އެ ލިބުނު ޕްލެޓްފޯމުގެ ބޭނުން ހިފުމަށް އޭރު އަޒުމު ކަނޑައެޅުއްވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވި ދުވަސްވަރުގެ ތަޖުރިބާ ހިއްސާކުރައްވަމުން މަހްލޫފް ވިދާޅުވީ، ރައްޔިތުންގެ އިތުބާރު ހޯދުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި، ބައެއް ގެތަކަށް ފަސް ހަ ފަހަރު ޒިޔާރަތް ކުރަން ޖެހުނު ކަމަށެވެ.
މީގެ އިތުރުން، އޭނާއާއި އަހްމަދު ނިހާން ހުސައިން މަނިކަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއެކު ޕީޕީއެމް އުފެއްދުމުގައި އިސްކޮށް އުޅުއްވި ބޭފުޅުން ކަމަށާއި، ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި މަޖިލީހުގައި ދެއްކެވި ވާހަކައަކާ ގުޅިގެން ޕާޓީން ވަކިކުރީ ކަމަށްވެސް ވިދާޅުވިއެވެ.
ޒުވާނުންނަށް މެސެޖެއް ދެއްވަމުން މަހްލޫފް ވިދާޅުވީ، ކޮންމެ ޒުވާނަކަށްވެސް ސިޔާސީ ދާއިރާއިން ކުރިއަށް ދިއުމުގެ ފުރުސަތު ރާއްޖޭގައި އެބައޮތް ކަމަށެވެ. އެހެންކަމުން ހަމައެކަނި ކަންކަމަށް ފާޑުކިޔުމުގެ ބަދަލުގައި، އަމަލީ ގޮތުން ކަންކަމުގައި ބައިވެރިވެ ކުރިއަށް ދިއުމަށް އޭނާ ޒުވާނުންނަށް އިލްތިމާސް ކުރެއްވިއެވެ.

