މާލެ ސިޓީގެ ފާށަނާކިލެގެފާނު މަގުގައި ހުރި ގެއެއްގެ ތެރޭގައި ފިރިހެނަކު ނިޔާވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.
ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މާލޭގެ ގެއެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮތް ކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ 2026 އޭޕްރީލް 1 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:10 އެހައިކަންހާއިރުއެވެ. ރިޕޯޓް ލިބުމާއެކު ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ނިޔާވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ބޭރުފުށުން ބެލިބެލުމުން، އެހެން ފަރާތަކުން ދީފައިވާ އަނިޔާއެއްގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށެވެ. ނަމަވެސް، ހަށިގަނޑު އޮތް ހާލަތަށާއި، މަރުވިތާ ގިނަ ވަގުތުތަކެއް ވެފައިވުމުގެ އިތުރުން، މި ހާދިސާ ހިނގާފައިވާ ތަނާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތުތަކަށް ރިއާޔަތްކުރާއިރު، މަރުގެ ސީދާ ސަބަބު ދެނެގަތުމަށްޓަކައި ފޮރެންސިކް ތަހުލީލުތަކެއް ކުރަންޖެހޭ ކަމަށް ތަހުގީގަށް ގަބޫލުކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.
އެހެންކަމުން، އެ މީހާ މަރުވި ސަބަބު ޔަގީންކުރުމަށްޓަކައި އޮޓޯޕްސީ ހެދުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ. މިއީ މަރުގެ ސަބަބު ދެނެގަތުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ފުލުހުން ފާހަގަކުރެއެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، ތަހުގީގަށް ކުރިއެރުން ލިބެމުންދާ މިންވަރަކުން މީޑިއާ އަށް ހާމަކުރެވެން ހުރި މައުލޫމާތުތައް ހިއްސާކުރަމުން ގެންދާނެ ކަމަށްވެސް ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވެއެވެ.

