އިތުރު ދަރަންޏެއް ނުނަގައި ސަރުކާރުން މި ފައިސާ ދައްކައި ހަލާސްކުރުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިތުރު ދަރަންޏެއް ނެގުމަކާ ނުލައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން 2021 ވަނަ އަހަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން ވަނީ ދައްކައި ހަލާސްކޮށްފަ އެވެ.
މި ބޮޑު ދަރަނި އަދާކުރުމާ ގުޅިގެން ރައީސް ނަޝީދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، އިތުރު ދަރަންޏެއް ނުނަގައި ސަރުކާރުން މި ފައިސާ ދައްކައި ހަލާސްކުރުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔަ، އުއްމީދީ ކަމެއް ކަމަށެވެ. މިއީ ރާއްޖެއަށް މި ދަރަނި ނުދެއްކޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ގަބޫލުކޮށް، ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށް ސަރުކާރުން ހޯދި މާލީ ކުރިއެރުމެކެވެ.
ސުކޫކް ދެއްކުމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ދަރަނި ސަރުކާރުން އަދާކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެންނެވެ.
ސަރުކާރުން ދެއްކި މި ފައިސާގެ ތެރޭގައި ސުކޫކުގެ އަސްލު އަގު ކަމަށްވާ 500 މިލިއަން ޑޮލަރާއި، އިންޓަރެސްޓްގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިއަން ޑޮލަރު ހިމެނެއެވެ.
މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މި ސުކޫކަކީ 2021 ވަނަ އަހަރު މުއްދަތު ހަމަވި 250 މިލިއަން ޑޮލަރުގެ ”ސަނީ ސައިޑް“ ބޮންޑު ދެއްކުމަށްޓަކައި ކުރީ ސަރުކާރުން ނަގާފައިވާ ދަރަންޏެކެވެ.
މި ދަރަނި އަދާކުރުމާއެކު، އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރި މިންވަރު ދަށްވެ، ކުރިއަށް އޮތް މެދު ރާސްތާގައި ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް މާލީ ވުޒާރާއިން ލަފާކުރެއެވެ.

