އިއްޔެ ބޭއްވި އިންތިހާބުގައި ރާއްޖޭގެ ފަސް ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ ރައީސުންގެ މަގާމަށް އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުން ހޮވިއްޖެއެވެ.
އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވާ ޑަބްލިޔުޑީސީގެ އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން، މާލެ އާއި ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދު އާއި ފުވައްމުލައް އަދި އައްޑޫ ސިޓީގެ ޑަބްލިއުޑީސީގެ ރައީސްގެ މަގާމު ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.
މާލެ ސިޓީގެ ޑަބްލިޔުޑީސީގެ ރައީސް ކަމަށް ވާދަކުރީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އައިޝަތު އަލައިކާ އާއި އެމްޑީޕީގެ ކެންޑިޑޭޓު އައިޝަތު ރީޝާ އެވެ. މި އިންތިހާބުގައި އަލައިކާއަށް 11,971 ވޯޓު ލިބުނުއިރު، އިންތިހާބު ކާމިޔާބުކުރި ރީޝާއަށް ވަނީ 15,152 ވޯޓު ލިބިފައެވެ.
އެހެން ސިޓީތަކަށް ބަލާއިރު، އައްޑޫ ސިޓީ ޑަބްލިއުޑީސީގެ ރައީސްގެ މަގާމަށް ހޮވުނީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ފާތިމަތު ހިޖުރާއެވެ. ފުވައްމުލަކު ސިޓީން އެ މަގާމު މަރިޔަމް ޝިއުނާ ކާމިޔާބު ކުރިއިރު، ތިނަދޫ ސިޓީގެ ޑަބްލިއުޑީސީގެ ރައީސްގެ މަގާމު ކާމިޔާބުކުރީ މަރިޔަމް ޝަރޫނާ އާދިލްއެވެ. އަދި ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ކޮމިޓީގެ ރައީސްކަން ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓު އައިމިނަތު އިބްރާހިމްއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ފަސް ސިޓީގެ ޑަބްލިޔުޑީސީގެ ރައީސްކަން އެމްޑީޕީއަށް ލިބުނުއިރު، މި ފަސް ސިޓީގެ މޭޔަރުކަމުގެ ގޮނޑިތައް ވެސް ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. މިއީ އެ ޕާޓީއަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.

