މާޤާމުގައި ހުންނެވި ދުވަސް ސަރުކާރު ދިފާއުކޮށް ގިނަ ވާހަކަތަކެއް ދައްކެވި ކުރީގެ ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް މަގާމުން ވަކިކުރެއްވުމުން، ރާގު ބަދަލުވެ ސަރުކާރަށް ފާޑު ކިޔުއްވަން ފައްޓަވައިފިއެވެ.
މުނާޒް މަޤާމުން ވަކިކޮށްފައިވަނީ ޖަލުތަކުގެ ކަންކަން އިސްލާހު ކުރަން އެކުލަވައިލި ރިޕޯޓުގައިވާ ކަންކަން ތަންފީޒު ނުވެ، އެތަން ހިންގުން ބޮއްސުން ލައިގެން ދިޔުމާއި އަދި އެނޫންވެސް ބައެއް ތުހުމަތުތަކާއި ގުޅިގެންނެވެ.
މަޤާމުން ވަކިކުރުމުން މުނާޒް އެންމެ ފުރަތަމަ ފާޑު ވިދާޅުވީ ސަރުކާރު ހިންގާ ކޯލިޝަނަށެވެ. އެގޮތުން އޭނާއާ މެދު ސަރުކާރުން އެ ފިޔަވަޅު އެޅީ ޖަލު ހިލުވައިލާން ކޯލިޝަންގެ ތެރެއިންނާއި ބޭރުން ބަޔަކު ގުޅިގެން ކުޅުނު ކުޅިގަނޑު ކާމިޔާބު ނުވުމުން ކަމަށް ވިދާޅުވިއެވެ.
މިފަހަރު މުނާޒްގެ ބަހުގެ ހަމަލާތައް ރައްދު ކުރެއްވީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށެވެ. އެގޮތުން ޤައިދީންގެ ބޭސްފަރުވާ އަވަސްކުރުމަށް މިނިސްޓަރ އިމްރާނަށް އެއްވެސް ކަމެއް ހަމަޖައްސައި ނުދެވުނު ކަމަށް މުނާޒް ވިދާޅުވެފައިވެއެވެ.
މުނާޒް ވިދާޅުވި ގޮތުގައި ކަރެކްޝަނަށް ސްޕެޝަލިސްޓުން ވެސް މިނިސްޓަރ އިމްރާނަކަށް ހޯދައެއް ނުދެވުނެވެ. އަދި އެކަންކަން ނުކުރެވި އަހަރެއް ފާއިތުވެގެން ގޮސްފައިވާ ކަމަށް މުނާޒް ވިދާޅުވިއެވެ.
މުނާޒް މިހާރު އެހެން ވިދާޅުވި ނަމަވެސް މީގެ ކުރިންވަނީ ސަރުކާރާއި މިނިސްޓަރ އިމްރާން ދިފާއު ކުރައްވާ ވަރަށް ގިނަ ވާހަކަ ދައްކަވާފައެވެ. އެގޮތުން ޖަލުގައި ތިބޭ ގައިދީންނަށް އެތަނުގައި ފަރުވާ ދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.
މީގެ ކުރިން ސިފައިންގެ މީހެއްގެ ގޮތުގައި މަސައްކަތް ކުރެއްވި މުނާޒްވަނީ މާފުށީގައި ހުންނަ ހޮސްޕިޓަލު ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައްވެސް ފާހަގަ ކުރެއްވާފައެވެ.
މީގެ އިތުރުން ޖަލުތަކުގެ ހާލަތު ބަލަން ސަރުކާރުން އުފެއްދި ކޮމިޝަނުން އެކުލަވައިލި ރިޕޯޓާއި ގުޅިގެންވެސް މުނާޒްވަނީ މިނިސްޓަރ އިމްރާނަށް ފާޑު ވިދާޅުވެފައެވެ.
މުނާޒް ވިދާޅުވީ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ނެރުނު ރިޕޯޓްގައި ހުރި ހުރިހާ ކަންކަމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް މިނިސްޓަރ އިމްރާން ވިދާޅުވި ކަމަށެވެ.
ޖަލު އޮޑިޓް ރިޕޯޓްގައިވާ ހުރިހާ ކަމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް މިނިސްޓަރ އިމްރާން ވިދާޅުވެ އެކަންކަން ބެލުމަށް އެކުލަވާލި ކޮމެޓީ 2019 ވަނަ އަހަރުގެ ތެރޭގައި ދެ ފަހަރަކަށް ބަދަލު ކުރެއްވި ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ކުރިންވަނީ އެވާހަކަތައްވެސް ދިފާއު ކުރައްވާފައެވެ.
މުނާޒް މަގާމުން ވަކިކުރީ ޖަލުގެ ހާލަތު ރަނގަޅު ނުވެ، ޚާއްސަކޮށް ޖަލުތަކުގައި އިސްލާހުކުރަން ޖެހޭކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ އެތައް މައްސަލައެއް ހައްލު ނުކުރެވި ދިގުލައިގެން ދިޔުމުން އެކަމަށް ރައްޔިތުން ފާޑުކިޔާތާ އެތައް ދުވަހެއް ފަހުންނެވެ.
މީގެ އިތުރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާފު ނުދެއްވާ ގައިދީން މިނިވަން ކުރުމުގައި ވެސް މުނާޒްގެ މަސްލަހަތު ހިމެނޭ ކަމަށް އެއް ބަޔަކު ތުހުމަތު ކުރި އެވެ.
މަގާމުގައި ހުންނެވިއިރު ބޭއްވި ނިއުސް ބްރީފިންގައި ނޫސްވެރިން ކުރި ސުވާލުތަކަށްވެސް މުނާޒަށް ޖާވާބު ދެއްވިފައެއް ނުވެއެވެ. ބައެއް ސުވާލުތައް ކުރިމަތި ކުރުމުން، ޕްރެސް އަށް ވަޑައިގަތީ ބައެއް މައުލޫމާތަށް ތައްޔާރުވެގެން ނޫން ކަމަށް ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މުނާޒް ދައްކަވަން ތައްޔާރުވެގެން ވަޑައިގެންނެވި ހުރިހާ ވާހަކަތަކެއް ނިމުމާ އެކު އަވަހަށް ޕްރެސް ކޮންފަރެންސް ނިންމާލަން މަސައްކަތް ކުރައްވާ ބައެއް ނޫސްވެރިން ސުވާލު ކުރަން އުޅުމުން އެކަން ހުއްޓުވާފައިވެއެވެ.


One Response
ސަރުކާރުން ކަމެއް ކޮއްދެވޭނީ އިމުރާނު ބޭރުކޮއްގެންކަން މަށަށްވެސް އެނގޭ. އެލްޖީއޭގެ ރައީސްއޯ އެއީ