މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ނުތަނަވަސްކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް ހައްލު ހޯދުމަށް ބާއްވާ ހާއްސަ ވެބިނާއެއް އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާއި ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) ގުޅިގެން އިންތިޒާމުކުރާ މި ސެޝަނަކީ، ދުނިޔޭގެ ފަތުރުވެރިކަމަށް މިހާރު ކުރިމަތިވަމުންދާ ބޮޑެތި ގޮންޖެހުންތަކަށް އަމާޒުކޮށްގެން ބާއްވާ މުހިންމު ސެޝަނެކެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ނޭދެވޭ އަސަރު ދުނިޔޭގެ ވައިގެ ދަތުރުފަތުރާއި، ތެލުގެ އަގުގެ އިތުރުން ފަތުރުވެރިކަމަށް ވަނީ ވަރަށް ބޮޑަށް ފޯރަން ފަށާފައެވެ. މި ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ވައިގެ ސަރަހައްދުތައް ބަންދުކުރަން ޖެހުމުން ދަތުރުގެ މަގުތައް ބަދަލުކޮށް، ދަތުރުގެ ވަގުތު ވަނީ އިތުރުވެފައެވެ.
މީގެ އިތުރުން، މަތިންދާބޯޓަށް އަޅާ ތެލުގެ އަގު ވަނީ 50 އިންސައްތައާއި 60 އިންސައްތައާ ދެމެދުގެ މިންވަރަކަށް އުފުލިފައެވެ. ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް (ޑަބްލިޔުޓީޓީސީ) އިން އަންދާޒާކުރާ ގޮތުގައި، މި ހާލަތުގެ ސަބަބުން ފަތުރުވެރިން ކުރާ ހޭދައިން ދުވާލަކު ގާތްގަނޑަކަށް 600 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ދުނިޔޭގެ އިގްތިސާދަށް ލިބެމުންދެއެވެ.
މި ވެބިނާގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން އަބްދުﷲ ގިޔާސް ތަގުރީރު ކުރައްވާނެއެވެ. އެމަނިކުފާނުގެ ތަގުރީރުގައި މިހާރު އުފެދެމުންދާ ހާލަތާއި، ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ އަސަރުތަކުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިކަމުގައި އިސްކަންދޭ މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާނެއެވެ.
ޕާޓާގެ ސީއީއޯ ނޫރު އަހުމަދު ހާމިދު ތައާރަފުކޮށްދެއްވާ މި ވެބިނާގައި ދުނިޔޭގެ ފެންވަރުގެ މާހިރުން ކަމަށްވާ މައިކަލް ޝޫރީ، ސާރާ މެތިއުސް އަދި އެލިޒަބަތު ކުކް ބައިވެރިވެވަޑައިގެން މާކެޓުގެ ޑިމާންޑާއި، އައު މާކެޓުތައް ހޯދުމާއި، ކުއްލި ހާލަތްތަކުގައި މުާމަލާތްކޮށް މަންޒިލްގެ އަބުރު ރައްކާތެރިކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވާނެއެވެ. މި ސެޝަން މޮޑަރޭޓް ކުރައްވާނީ ޕާޓާގެ ޑައިރެކްޓަރ ޕޯލް ޕްރުއަންގްކާން އެވެ.
މި ވެބިނާގެ މައިގަނޑު މަގުސަދަކީ، މިފަދަ ނުތަނަވަސް ދަނޑިވަޅެއްގައި ރާއްޖޭގެ މާކެޓު ވަރުގަދަކޮށް ހިފެހެއްޓުމަށް ބޭނުންވާނެ އަމަލީ އިރުޝާދުތަކާއި ތަފާސްހިސާބުތައް ސިނާއަތުގެ ބައިވެރިންނަށް ފޯރުކޮށްދިނުމެވެ. ވިޒިޓް މޯލްޑިވްސްއިން ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރިހާ ބައިވެރިން މި ސެޝަންގައި ބައިވެރިވުމަށް ދައުވަތު އަރުވާފައެވެ.
މި ވެބިނާގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ޒޫމް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. މިއީ ރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ ބޭރުގެ ނުފޫޒުތަކުން ސަލާމަތްވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

