ކައުންސިލް އިންތިހާބު ނިމުނުތާ 24 ގަޑިއިރު ނުވެ، އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ އެތެރެ ހޫނުވެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) މަގާމުން ވަކިކުރުމުގެ މަސައްކަތް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ފަށައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި، ގަޕޯގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ގައުމީ މަޖިލީހަށް ހުށަހެޅުމަށްޓަކައި ޕެޓިޝަންގައި ސޮއި ކުރުމުގެ މަސައްކަތް ވަނީ ފަށާފަވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، ގައުމީ މަޖިލީހުގެ 65 މެންބަރުންގެ ތާއީދާއެކު އެ މަގާމަށް އިންތިޚާބުކުރި ގަޕޯ ވަކިކުރުމުގެ ޕެޓިޝަނުގައި ރޭގެ ނިޔަލަށް 50 އަށް ވުރެ ގިނަ މެންބަރުން ސޮއިކޮށްފައިވާކަމަށް ”ސަންގު“ އަށް މައުލޫމާތު ދިން މެމްބަރަކު ބުނެ އެވެ.
ޕެޓިޝަންގައި ސޮއިކޮށް ހުށަހެޅުމުން، ގަޕޯ މަގާމުން ވަކިކުރުމާއި މެދު ގޮތެއް ނިންމުމަށްޓަކައި، ގައުމީ މަޖިލީހުގެ ޚާއްސަ ޖަލްސާއެއް ބާއްވަން ޖެހޭނެ އެވެ. އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން، ގައުމީ މަޖިލީހުގެ 10 މެންބަރަކު ސޮއިކޮށް ހުށަހަޅައިފިނަމަ ޖަލްސާއެއް ބާއްވަން ޖެހެއެވެ.
އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ގޯސްވީ، މިދިޔަ ހޮނިހިރު ދުވަހު އޮތް އިންތިހާބުތަކުން ލިބުނު ކާމިޔާބީ ފާހާގަކުރުމުގެ ތައްޔާރީތަކުގެ ތެރެއިންނެވެ. އެގޮތުން ޕާޓީން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ފަހު ވަގުތު ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވަނިކޮށް ކުއްލިގޮތަކަށް އެޖެންޑާއިން ނަންތައް އުނި ކުރި އެވެ. އެ މައްސަލައިގައި ދެ ބޭފުޅުން ވެސް ޖަލްސާ ބޮއިކޮޓް ކުރެއްވިިއިރު ޖަލްސާ ކުރިޔަށް ދިޔަ ވަގުތު ބައެއް އެމްޑީޕީގެ މެމްބަރުން ދިޔައީ އަޑުގަދަކޮށް ”ރައީސް ނަޝީދު ކޮބާ“ ތޯ ސުވާލު ކުރަމުންނެވެ.
އެއަށް ފަހު އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުގެ މަގާމުން އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރުގެ މަގާމުން އަހުމަދު މައުރޫފް އިއްޔެގެ ވަގުތެއްގައި ވަނީ ވަކިކޮށްފަ އެވެ. ދެ ބޭފުޅުން ވެސް މަގާމުން ވަކިކުރީ ގަޕޯ ސޮއި ކުރައްވައި ފޮނުވި ސިޓީއެއްގަ އެވެ. އަދި ދެބޭފުޅުން ވަކިކުރީ އެއީ ފައްޔާޒާއި ގާތް މެމްބަރުންނަށް ވާތީކަމަށް ޕާޓީގެ ތެރެއިން ތުހުމަތު ކުރެ އެވެ.
މި މައްސަލައިގައި ގަޕޯގެ އިސްތިއުފާއަށް ގޮވައި، ސޯޝަލް މީޑިއާގައި ވެސް ދަނީ އެމްޑީޕީގެ މެމްބަރުންގެ މެދުގައި ޒުވާބު ކުރަމުންނެވެ. މިވަގުތު ގިނަ ބައެއްގެ ސުވާލަކީ ގަޕޯއަށް ވަކިގޮތަކަށް އަމަލު ކުރުމަށް އަންގަނީ ކޮން ބޭފުޅަކާއި މެދު އެވެ.
މީގެއިތުރުން އިންތިހާބުގެ ކާމިޔާބީގެ ”ކްރެޑިޓް“ ލިބެން ޖެހޭ ބަޔަކާއި މެދު ވެސް އިތުރު މައްސަލަތަކެއް ޕާޓީގެ ތެރޭގައި ވަނީ އުފެދިފަ އެވެ.

