ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމް.އޭ.ސީ.އެލް އިން ޒަމާނީ ފެންވަރަށް ތަރައްޤީކުރި ޑޮމެސްޓިކް ޓާމިނަލް ޓީ2 ހުޅުވައި، ޚިދުމަތުގެ އައު ބާބެއް ފަށައިފި

ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިޤްތިޞާދީ މައިނާރު ކަމުގައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން، އެއަރޕޯޓުގެ އެތެރޭގެ އުދުހުންތަކަށް ޚާއްޞަ ޓާމިނަލް ޓީ2 ހުޅުވައި، ދަތުރުވެރިންނަށް ޒަމާނީ އަދި ފުރިހަމަ ޚިދުމަތްތަކެއް ދޭން ވަނީ ފަށާފައެވެ. މި އައު ބަދަލަކީ ކުރީގެ ޓާމިނަލާ އަޅާބަލާއިރު، ޖާގަ ތަނަވަސްކަމާއި، ވަސީލަތްތަކުގެ މުއްސަނދިކަމުގެ ގޮތުން ބޮޑު ކުރިއެރުމެއް ހޯދާފައިވާ، ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާއަށް ލިބުނު ބޮޑު އިންގިލާބެކެވެ.

ޓީ2ގައި އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ ޗެކް-އިން ސަރަޙައްދަށް ގެނެސްފައިވާ ބޮޑު ބަދަލެވެ. ކުރިން ހުރި އެންމެ 8 ކައުންޓަރުގެ ބަދަލުގައި، މިހާރު 27 ޗެކް-އިން ކައުންޓަރު ވަނީ ގާއިމުކޮށްފައެވެ. މީގެ ސަބަބުން ކިއޫތައް ކުޑަވެ، ފަސިންޖަރުންނަށް އެއްވެސް ތަކުލީފެއްނެތި އަވަސް ޚިދުމަތެއް ލިބޭނެ މަގު ވަނީ ތަނަވަސްވެފައެވެ. ފަސިންޖަރުންނަށް އިރުޝާދުދީ އެހީތެރިވުމަށް ފްލޯ މެނޭޖްމަންޓް މުވައްޒަފުން ހަރަކާތްތެރިވަމުންދާއިރު، މުދާ އުފުލުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި 3 ކޮންވެޔަރ ބެލްޓެއް ވަނީ ހަރުކޮށްފައެވެ.

މި ބެލްޓްތައް ބަހާލެވިފައިވަނީ ކައުންޓަރު 1 އިން 9 އަށް ބެލްޓް 1، ކައުންޓަރު 10 އިން 18 އަށް ބެލްޓް 2، އަދި ކައުންޓަރު 19 އިން 27 އަށް ބެލްޓް 3 އެވެ. މީގެ އިތުރުން، އެތެރޭގެ އުދުހުންތަކުގައި ހަރަކާތްތެރިވާ މޯލްޑިވިއަން، މަންޓާ އެއަރ އަދި ވިލާ އެއާގެ ޓިކެޓް ކައުންޓަރުތައް ވަނީ ފަސިންޖަރުންނަށް ފަސޭހައިން ވަދެވޭނެ ގޮތަށް ޒަމާނީ ފަރުމާއަކަށް ބަދަލުކޮށްފައެވެ.

ހަމައެހެންމެ ދަތުރުވެރިން ފުރުމުގެ ކުރިން މަޑުކޮށްލައިގެން ތިބޭ ޑިޕާޗަރ ސަރަޙައްދު ވަނީ ބޮޑުކޮށް، ގޭޓްތަކުގެ އަދަދު އިތުރުކޮށްފައެވެ. މި ސަރަޙައްދުގައި ބައިނަލްއަޤުވާމީ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ގްލޯރިއާ ޖީންސް، ޑެއިރީ ކުއީން އަދި ކޮސްޓާ ކޮފީގެ އައުޓްލެޓްތަކުން ކާބޯތަކެތީގެ ޚިދުމަތް މިހާރު ލިބެން ހުރެއެވެ. މިއީ ދަތުރުވެރިންނަށް ފުރުމުގެ ކުރިން ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ.

ހަމަ މިއާއެކު ފަސިންޖަރުން ބޯޓަށް އުފުލުމަށްޓަކައި ބަހުގެ ޚިދުމަތްވެސް ދަނީ މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންނެވެ.

ފަސިންޖަރުންގެ ދީނީ އަދި އިޖުތިމާޢީ ބޭނުންތަކަށް ރިޢާޔަތްކޮށް، ޓާމިނަލްގެ އެކި ސަރަޙައްދުތަކުގައި ނަމާދުކުރާ ކޮޓަރިތަކާއި ވުޟޫކުރާނެ ތަންތަން ވަނީ ގާއިމުކޮށްފައެވެ. އަދި ކުޑަކުދިން ގޮވައިގެން ދަތުރުކުރާ މައިންނަށް ޚާއްޞަ ”ފީޑިންގ ރޫމް“ ތައްވެސް ވަނީ އެންމެ ޒަމާނީ ފެންވަރުގައި ހަދާފައެވެ. ފާޚާނާގެ ޚިދުމަތްވެސް ވަނީ ކުރިއަށްވުރެ ތިންގުނަ އިތުރުކޮށްފައެވެ. ކުރިން ހުރި 2 ފާޚާނާގެ ބަދަލުގައި މިހާރު ކޮންމެ ބަޔަކަށް 6 ފާޚާނާ ހުރެއެވެ.

ގެނައި އައު ބަދަލުތަކާއިއެކު ދަތުރު ނިންމާފައި އަންނަ ފަސިންޖަރުންނަށް މުދާ ނެގުމުގައި ހޭދަވާ ވަގުތު ކުޑަކުރުމަށްޓަކައި، ދެ ފަރާތުން ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ދެ ބޮޑު ބެގޭޖް ބެލްޓް ވަނީ ބަހައްޓާފައެވެ. މީގެ ސަބަބުން މުދާ ލިބުން ލަސްވުމުގެ ޝަކުވާތަކަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. މުދާ ގެއްލުން ނުވަތަ ހަލާކުވުން ފަދަ ކަންކަމުގައި އެހީތެރިވުމަށް 24 ގަޑިއިރު ހުޅުވިފައި ހުންނަ ބެގޭޖް ސަރވިސް ކައުންޓަރެއްވެސް މި ސަރަޙައްދުގައި ހުރެއެވެ.

އަލަށް ހުޅުވުނު ޓީ2 ޓާމިނަލަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ފެންވަރު މަތިކުރުމަށް އެމް.އޭ.ސީ.އެލް އިން އެޅި ވަރަށް މުހިންމު ފިޔަވަޅެކެވެ. މިއީ މިއަދުގެ ދަތުރުވެރިންނަށް ލިބޭނެ ބޮޑު ލުއިފަސޭހަކަމެއްގެ އިތުރުން، ކުރިމަގުގައި ރާއްޖޭގެ ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ދާއިރާ އިތުރަށް ތަރައްޤީކުރުމަށް އެޅުނު ވަރުގަދަ ބިންގަލެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: