ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުމީ ބަދަލުތަކާއި ފެނުގެ ރައްކާތެރިކަން: ޖަޒީރާ ގައުމުތަކުގެ މަޝްވަރާ ފޯރަމް ރާއްޖޭގައި ފެށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވަމުންދާ ފެނުގެ ރައްކާތެރިކަމުގެ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައިނަލްއަގުވާމީ ފޯރަމެއް ދިވެހިރާއްޖޭގައި ރަސްމީކޮށް ފަށައިފިއެވެ. ބާސެލޯ ނަސަންދުރަ މާލޭގައި 7 އިން 9 އޭޕްރީލް 2026 އަށް ކުރިއަށްދާ މި ފޯރަމަކީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓުން އިންތިޒާމުކޮށްގެން ބާއްވާ މުހިންމު ބައްދަލުވުމެކެވެ.

މި ފޯރަމަކީ ”ކޯލިޝަން އޮފް އެޓޯލް ނޭޝަންސް އޮން ކްލައިމެޓް ޗޭންޖް“ (CANCC) ގެ ރިޔާސަތު ބަލަހައްޓާ ގައުމުގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ އެންވަޔަރަންމަންޓް މިނިސްޓްރީން އިސްނަގައިގެން ބާއްވާ ހަރަކާތެކެވެ. މި ފޯރަމް ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އޮނަރަބަލް ޠާރިޤް އިބްރާހިމްއެވެ. މި ފޯރަމްގެ މައިގަނޑު ބޭނުމަކީ ތިލަފަތް ޖަޒީރާ ގައުމުތަކަށް ދިމާވެފައިވާ ފެނުގެ މައްސަލަތަކަށް ދާއިމީ އަދި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް މަގުފަހިކުރުމެވެ.

ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޠާރިޤް އިބްރާހިމް ފާހަގަކުރެއްވި ގޮތުގައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކަށް ފެނުގެ ދަތިކަން އިންތިހާއަށް ކުރިމަތިވަމުންދެއެވެ. ޚާއްޞަކޮށް ވާރޭ ވެހޭ މިންވަރަށް އަންނަ ބަދަލުތަކާއި، ހަނަފަސް ދުވަސްވަރު ދިގުލައިދިއުމުގެ އިތުރުން، ބިންދަށުގެ ފެން ފަށަލައަށް ލޮނުގެ އަސަރު ކުރުމަކީ ދިވެހި މުޖުތަމައުތަކުން މިހާރުވެސް ތަހައްމަލު ކުރަމުންދާ ހިތްދަތި ހަގީގަތްތަކެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފެނުގެ ރައްކާތެރިކަމަށް ޚާއްޞަ އިސްކަމެއް ދެއްވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ ”ނޭޝަނަލީ ޑިޓާމިންޑް ކޮންޓްރިބިއުޝަންސް“ (NDC 3.0) ގައި ފެނުގެ ދާއިރާ ހަރުދަނާކުރުމަށާއި، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ފެން އުފެއްދުމުގެ ނިޒާމުތައް ގާއިމުކުރުމަށް ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށް ވިދާޅުވިއެވެ. މިއީ ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި ފޯރަމުގައި ރާއްޖޭގެ އިތުރުން ކިރިބަތީ، ތުވާލޫ، މާޝަލް އައިލެންޑްސް އަދި ޓޯކެލާއުގެ މަންދޫބުން ބައިވެރިވެއެވެ. މީގެ އިތުރުން ކަމާގުޅޭ ފަންނީ މާހިރުންނާއި، ތަރައްގީގެ ބައިވެރިންނާއި، ދާއިރާގެ ރެގިއުލޭޓަރީ އިދާރާތަކުން ބައިވެރިވެ، އެ ގައުމުތަކުގެ ތަޖުރިބާ ހިއްސާކުރާނެއެވެ. މި ފޯރަމަކީ ގްރީން ކްލައިމެޓް ފަންޑް (GCF) ގެ އެހީގައި، ޖަރުމަނުގެ ޖީ.އައި.ޒެޑް (GIZ) އާ ގުޅިގެން ހިންގާ ”ސްޓްރެންތަނިންގ ދަ ވޯޓާ ސެކްޓަރ“ މަޝްރޫއުގެ ދަށުން ބާއްވާ ހަރަކާތެކެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ފެން އުފައްދާ ނިޒާމުތައް ހަރުދަނާކުރުމާއި، ބިންދަށުގެ ފެން ފަށަލަ ރައްކާތެރިކުރުމުގެ އުކުޅުތަކުގެ މައްޗަށެވެ. މީގެ އިތުރުން ވާރޭފެން ރައްކާކުރުމުގެ ނިޒާމުތައް ތަރައްގީކުރުމާއި، ކުއްލި ހާލަތްތަކުގައި ރަށްރަށަށް ފެން ފޯރުކޮށްދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.

މި ފޯރަމަކީ ޖަޒީރާ ގައުމުތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ފެނުގެ މައްސަލަތަކަށް ހައްލު ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި މަޝްވަރާތަކުގެ ސަބަބުން ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިވެ، އެކަކު އަނެކެއްގެ ތަޖުރިބާއިން ފިލާވަޅު ލިބި، ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އާ މަގުތަކެއް ކޮށިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: