މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެކި ދާއިރާތަކަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުން އަންނަ މޭއި މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހާމަކޮށްފިއެވެ.
އަލަށް އިންތިޚާބުވި ކައުންސިލަރުން ހުވާ ކުރުމުގެ ތާރީޚު ކަނޑައަޅާފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުންނެވެ.
އެލްޖީއޭއިން ބުނެފައިވާ ގޮތުގައި މި ތާރީޚު ކަނޑައަޅާފައިވަނީ އެންމެ ފަހުން ކައުންސިލަރުން ހުވާކުރިތާ 5 އަހަރު ހަމަވާ ދުވަހަށް ރިޢާޔަތްކުރުމަށްފަހުގައެވެ. މިހާރު މަޤާމުގައި ތިއްބެވި ކައުންސިލަރުން ހުވާކޮށްފައިވަނީ 17 މޭއި 2021 ގައެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި ކައުންސިލަރުންގެ އިތުރުން ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށްވެސް މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ. ނަމަވެސް، ކައުންސިލަރުންނާ ޚިލާފަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުން ހުވައެއް ނުކުރާނެއެވެ. އޭގެ ބަދަލުގައި އެ މެންބަރުން އެ ދުވަހު ބާއްވާ ރަސްމިއްޔާތުގައި އިޤްރާރުގައި ސޮއިކުރާނެ ކަމަށް އެލްޖީއޭއިން މަޢުލޫމާތުދެއެވެ.
މި ފަހަރުގެ އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވޯޓުލާފައިވެއެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ވޯޓުލުން ކުރިއަށް ގެންގޮސްފައެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ދަނީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިޢުލާން ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންނެވެ.

