ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާސަންދައިގެ ދަށުން އަތޮޅުތެރޭ އެއާޕޯޓްތަކުން ފުރޭނެ އިންތިޒާމު ހަމަޖެއްސުމަށް މަޝްވަރާ ކުރަންޖެހޭ: ނާޒިމް

ފޮޓޯ: ރައީސް އޮފިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އާސަންދައިގެ ދަށުން ބޭސްފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދިއުމުގައި، އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ އިންޓަރނޭޝަނަލް އެއާޕޯޓްތަކުން ފުރޭނެ ގޮތް ހެދުމާ ގުޅޭ ސިޔާސަތެއް އެކުލަވާލުމަށް ކަމާ ބެހޭ ހުރިހާ ފަރާތްތަކެއް ގުޅިގެން މަޝްވަރާ ކުރެވެންޖެހޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނާޒިމް މިހެން ވިދާޅުވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ނޫސްވެރިޔާ ވަނީ، އަތޮޅުތެރޭގެ އިންޓަރނޭޝަނަލް އެއާޕޯޓްތަކުން އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ބޭސްފަރުވާ ހޯދަން ނުދެވޭ ކަމުގެ ޝަކުވާ ފާހަގަކޮށްފަ އެވެ. މިކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ”އެއީ ހެލްތު މިނިސްޓަރު އެކަނި ހުރެ ދެވޭނެ ޖަވާބެއް ނޫން، އެއަށްވުރެ ބްރޯޑް ސުވާލެއް“ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިއީ ޓްރާންސްޕޯޓް މިނިސްޓްރީ، އާސަންދަ އަދި ސޯޝަލް މިނިސްޓްރީ ފަދަ ކަމާ ގުޅޭ ހުރިހާ ފަރާތްތަކެއް ގުޅިގެން ޕޮލިސީ ލެވެލްގައި މަޝްވަރާ ކުރަންޖެހޭ މުހިންމު ކަމެއް ކަމަށެވެ. އަދި މިއީ ”ނުވާ ވަރުގެ ކަމެއް ނޫން“ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން، އާސަންދައިގެ އެހީގައި ރާއްޖެއިން ބޭރަށް ފުރޭނީ ހަމައެކަނި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށެވެ. މީގެ ސަބަބުން ގަން އިންޓަރނޭޝަނަލް އެއާޕޯޓުން ސްރީލަންކާއަށް އަދި ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުން އިންޑިއާއަށް ދަތުރުތައް ކުރަމުންދިޔަ ނަމަވެސް، އެ ސަރަހައްދުތަކުގެ ރައްޔިތުންނަށް އާސަންދައިގެ ދަށުން ފުރަން ޖެހެނީ މާލެ އައިސްގެންނެވެ.

މިކަމުގެ ސަބަބުން އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް، ހާއްސަކޮށް ބަލިހާލު ބޮޑު މީހުންނާއި ދޮށީ އުމުރުގެ މީހުންނަށް ބޮޑެތި ތަކްލީފުތަކެއް އުފުލަން ޖެހެ އެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި އަތޮޅުތެރޭގެ އެއާޕޯޓްތަކުން ފުރޭނެ އިންތިޒާމު ހަމަޖެހިއްޖެ ނަމަ، ރައްޔިތުންގެ ވަގުތާއި ފައިސާ ސަލާމަތްވެ، ބޭސްފަރުވާއަށް ކުރާ ދަތުރުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: