ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި އެންމެ ކުރީގައި އުޅޭ ޗައިނާއިން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އެއްލައްކައަށްވުރެ މައްޗަށް އަރާފައިވާކަން ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިއަދު އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އިއްޔެގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް 100،776 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ޗައިނާއަކީ މިދިޔަ އަހަރުވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ދެވަނައިގައި އޮތީ ރަޝިޔާއެވެ. އެ ގައުމުން 85،241 ފަތުރުވެރިން އައިސްފައިވާއިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 65،669 ފަތުރުވެރިން އައިސްފައިވެއެވެ. މީގެ އިތުރުން ހަތަރުވަނައިގައި އޮތް އިޓަލީން 59،469 ފަތުރުވެރިން އަދި ފަސްވަނައިގައި އޮތް ޖަރުމަނުން 46،688 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.
މި މަހުގެ ފުރަތަމަ އަށް ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 40،689 ފަތުރުވެރިންނެވެ.
މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އައި 55،498 ފަތުރުވެރިންނާ އަޅާކިޔާއިރު 26.7 އިންސައްތައިގެ ދަށް އަދަދެކެވެ. އަދި މިއަހަރުގެ މިހާތަނަށް ޖުމްލަ 689,264 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު 1.0 އިންސައްތައިގެ ދަށްވުމެކެވެ.
ފަތުރުވެރިންގެ އަދަދު މިގޮތަށް ދަށްވެފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުންނެވެ. ނަމަވެސް، މިހާރު ހަނގުރާމަ ދެ ހަފްތާއަށް މެދުކަނޑާލާފައިވުމާއި، ބައެއް އެއާލައިންތަކުން އަލުން ދަތުރުތައް ފަށާފައިވުމާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.
ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި ސަރުކާރާއި ކަމާގުޅުންހުރި އިދާރާތަކުން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ތަފާތު ހަރަކާތްތައް ހިންގުމަށް މިހާރު ދަނީ ރާވަމުންނެވެ.

