ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ދިވެހިރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.
އެ ކަދުރު ރަސްމީކޮށް އިސްލާމީކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއާއި ހަވާލުކުރެއްވުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވަވާފައެވެ.
އެ ރަސްމިއްޔާތުގައި ސައުދީ އަރަބިއްޔާގެ ފަރާތުން ކަދުރު ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ ޔަހްޔާ ހަސަން އަލްޤަހްތާނީއެވެ. އަދި އިސްލާމީ ވުޒާރާގެ ފަރާތުން ހަވާލުވެލެއްވީ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
ސައުދީ އަރަބިއްޔާގެ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މީގެ ކުރިން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއަށް 10 ޓަނުގެ ކަދުރު ހަދިޔާކުރައްވާފައިވެއެވެ. އެ ކަދުރުތައް އެކި ދާއިރާތަކުގެ ފަރާތްތަކަށް ވުޒާރާއިން ވަނީ ހަދިޔާކޮށްފައެވެ.

