އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރަށް ޖުމްލަ 6،172 ވޯޓު ކަރުދާސް ޕްރިންޓްކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
މި އިންތިޚާބުގެ ފުރަތަމަ ބުރުގައި 888,845 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާއިރު، ދެވަނަ ބުރުގެ ވޯޓު ކަރުދާސްތައްވެސް ޗާޕުކޮށްފައިވަނީ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑުންނެވެ.
އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރަށް 1،784 ވޯޓު ކަރުދާސް ވަނީ ޗާޕުކޮށްފައެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް 4،388 ވޯޓު ކަރުދާސް ވަނީ ޗާޕުކޮށްފައެވެ. މި ބުރުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 6,093 މީހުންނަށް ލިބިފައިވާކަމަށް އެ ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.
ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ބ. ދޮންފަނު އަދި ފުވައްމުލަކު ސިޓީ ދަނޑިމަގު ދާއިރާގައެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. ކެލާ، ހދ. ނޭކުރެންދޫ އަދި ލ. މާވަށުގައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކެލާގައި 1,729 މީހުންނަށް، ނޭކުރެންދޫގައި 1,056 މީހުންނަށް، ދޮންފަނުގައި 441 މީހުންނަށް، މާވަށުގައި 1,556 މީހުންނަށް އަދި ދަނޑިމަގު ދާއިރާގައި 1,311 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
މި އިންތިޚާބުގައި ޖުމްލަ 14 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އަތޮޅުތެރޭގެ އިތުރުން މާލޭގައި 6 ވޯޓު ފޮށި ބަހައްޓާނެއެވެ. މާލޭގައި ވޯޓުލުން ކުރިއަށްދާނީ ތާޖުދިއްދީން ސްކޫލް، ހިރިޔާ ސްކޫލް އަދި ދަރުމަވަންތަ ސްކޫލުގައެވެ.
އޭޕްރީލް 18 ވާ ހޮނިހިރު ދުވަހު ބާއްވާ މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ވޯޓުލާ ނިމުމާއެކު ވަގުތީ ނަތީޖާ ފޮށިތައް ކައިރީގައި އިއުލާން ކުރާނެ ކަމަށާއި، ރަސްމީ ނަތީޖާ އިއުލާން ކުރާނީ އޭޕްރީލް 19 ވަނަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތުދެއެވެ.

