މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގެ ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފިއެވެ.
ދާއިމީ ނަތީޖާ ދައްކާގޮތުން މި އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިންނެވެ.
އިންތިޚާބުގެ ހުރިހާ ދާއިރާތަކެއްގެ ނަތީޖާތައް މިހާރު ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާއިރު، ޕީއެންސީން ވަނީ ޖުމްލަ 581 ގޮނޑި ކާމިޔާބުކޮށްފައެވެ. އިދިކޮޅު އެމްޑީޕީއަށް ލިބިފައިވަނީ 562 ގޮނޑިއެވެ. އެހެންކަމުން 21 ގޮނޑީގެ ފަރަގަކާއެކު އިންތިޚާބުގެ އެންމެ ކުރި ހޯދީ ކޮންގްރެސް ޕާޓީއެވެ.
އެހެން ޕާޓީތަކުގެ ނަތީޖާއަށް ބަލާއިރު، އަމިއްލަ ގޮތުން ވާދަކުރި 168 ކެންޑިޑޭޓަކު ވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އެމްޑީއޭއަށް 23 ގޮނޑި، އަދާލަތު ޕާޓީއަށް ހަ ގޮނޑި، ޖުމްހޫރީ ޕާޓީއަށް ހަތަރު ގޮނޑި އަދި ދަ ޑިމޮކްރެޓްސްއަށް ދެ ގޮނޑި ވަނީ ލިބިފައެވެ.
ސިޓީތައް ފިޔަވާ އެހެން ދާއިރާތަކުން ޕީއެންސީ ކުރީގައި
މި އިންތިޚާބުގައި ޖުމްލަ 1346 ކެންޑިޑޭޓުން އިންތިޚާބުކޮށްފައިވާއިރު، ފަސް ސިޓީ ފިޔަވާ އެހެން ހުރިހާ ދާއިރާތަކަކުން ކުރި ހޯދީ ޕީއެންސީއެވެ. އެގޮތުން ކައުންސިލް ރައީސްގެ 75 ގޮނޑި އެ ޕާޓީން ކާމިޔާބުކުރިއިރު، އެމްޑީޕީއަށް ލިބުނީ 73 ގޮނޑިއެވެ. އަންހެނުންނަށް ޚާއްސަކުރި ގޮނޑިތަކުން ޕީއެންސީން 101 ގޮނޑި ހޯދިއިރު، އެމްޑީޕީއަށް ލިބުނީ 87 ގޮނޑިއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ނަތީޖާއަށް ބަލާއިރު، ކޮމެޓީތަކުގެ ރައީސާއިންގެ 83 ގޮނޑި އަދި މެންބަރުންގެ 214 ގޮނޑި ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ. އެމްޑީޕީއަށް މި ދާއިރާތަކުން ލިބުނީ ރައީސާއިންގެ 60 ގޮނޑި އަދި މެންބަރުންގެ 167 ގޮނޑިއެވެ. ނަމަވެސް ސިޓީތަކުގެ ކައުންސިލް ގޮނޑިތަކާއި ކޮމެޓީ ގޮނޑިތަކުގެ ބޮޑު އަޣުލަބިއްޔަތެއް ހޯދާފައިވަނީ އެމްޑީޕީންނެވެ.
ވޯޓުން އެއްވަރުވުމުގެ ސަބަބުން ބައެއް ރަށްރަށުގެ ގޮނޑިތަކަށް ދެވަނަ ބުރެއް ބާއްވަން ޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. މި ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުއެވެ.

