ކްލައިމެޓް ވަލްނަރަބްލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވަން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުގައި އުޅުއްވުމަށްފަހު އެ މަގާމުގެ ދައުރު ނިމުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގެންފިއެވެ.
އެމަނިކުފާނު ބޭރުގައި މިދިޔަ ދުވަސްތަކުގައި ހުންނެވީ ސީވީއެފްގެ އެސްޖީގެ މަގާމު ފުރުއްވުމަށެވެ. އޭރު ސިޔާސީ މައިދާނުން ފެޔަށް ޖެހިވަޑައިގެން ހުންނެވިކަންވެސް އެމަނިކުފާނު އިއުލާނު ކުރެއްވިއެވެ. ސީވީއެފްގެ ރަސްމީ ވެބްސައިޓުގައި ވާގޮތުން ނަޝީދުގެ އެސްޖީކަމުގެ ދައުރު މިހާރު ވަނީ ހަމަވެފައެވެ.
މިފަހުން އެމަނިކުފާނު ވަނީ ސިޔާސީ ކަންކަމުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވެފައެވެ. އަދި އޭގެ ކުރިންވެސް ސިޔާސީ ބައެއް ނިންމުންތަކަށް ފާޑުކިޔުއްވާ ނުވަތަ ބަސްބުނާ މަންޒަރު ފެނިގެން ދިޔައެވެ.
އެ މަނިކުފާނު އެނބުރި ވަޑައިގެންނެވިއިރު އެމްޑީޕީން ވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުން ވެސް އެ މަނިކުފާނަށް ގޮނޑިއެއް ދޭން ނިންމާފައެވެ. އެފަދައިން ނިންމީ އެ ޕާޓީގެ އެތެރޭގައި މި ފަހުން އުފެދުނު ޚިޔާލު ތަފާތުވުންތަކަށް ފަހު، އެމްޑީޕީގެ ގައުމީ މަޖިލީހުންނެވެ.

