ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ”ހިޔާ“ މަޝްރޫޢާއި، ”ގެދޮރުވެރިކުރުން“ މަޝްރޫޢު އަދި ”ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް“ ހިންގާފައިވާ ގޮތް ބެލިއިރު ”ހިޔާ“ މަޝްރޫއުގެ ދަށުން ބައެއް ފަރާތްތަކަށް ޕްއިންޓް ދީފައިވަނީ ހައުސިން މިނިސްޓްރީން އެކަމަށް ކަނޑައެޅި އުސޫލްތަކާއި ހިލާފަށް ކަމަށް“ ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ“ އިން ބުނެފިއެވެ.
”ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ“ އިން ”ހިޔާ“ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު އާންމުކުރުމުގެ ގޮތުން ކޮމިޓީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި“ހިޔާ“ މަޝްރޫއަށް ހުށަހަޅާފައިވާ ފޯމުތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ކުރުމުގައި، ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތަކަށް ޕޮއިންޓް ދިނުމުގައި ކޮމިޓީން ޢަމަލުކުރަން ނިންމާފައިވަނީ، މި މަޝްރޫޢުގެ އެކި ކެޓަގަރީތަކަށް ޕޮއިންޓް ދިނުމަށް ކުރީގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އިޢުލާނުކޮށްފައިވާ އުޞޫލުތަކާއި މިންގަނޑުތަކަށްކަން ފާހަގަކުރަމެވެ.
”ހިޔާ“ މަޝްރޫޢު ގެ ފޯމުތަކަށް ޕޮއިންޓް ދިނުމުގައި ޢަމަލުކޮށްފައިވަނީ ޕޮއިންޓް ދިނުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ޢާންމުކޮށްފައިވާ އުޞޫލުތަކާ މިންގަނޑުތަކާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތުގެ ތެރޭގައި، ބައެއް ފޯމުތަކަށް ޕޮއިންޓް ދީފައިވަނީ ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް ނޫންކަން ކޮމިޓީއަށް ފާހަގަކުރެވިފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން، ”ހިޔާ“ މަޝްރޫޢުގެ ގިނަ ކެޓަގަރީތަކުގައި ”ދިރިއުޅުމުގެ ޙާލަތު“، މިބަޔަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާއިރު، މިބަޔަށް ޕޮއިންޓް ދިނުމުގައި ބަލާފައިވަނީ ކޮން ކަންތައްތަކަށްކަމެއް ނުވަތަ ގެންގުޅެފައިވަނީ ކޮން މިންގަނޑެއްކަމެއް، ކޮމިޓީން ބެލި ބެލުމުން އެނގެން ނެތް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން މި ބަޔަށް ޕޮއިންޓް ދިނުމުގައި ބަލާނެ ކަންތައްތައް ހިމެނޭ މިންގަނޑެއް، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ މަޝްވަރާގެ މަތިން އެކުލަވާލާފައިވާ ކަމަށާ އަދި، ދިރިއުޅުމުގެ ޙާލަތު އެންމެ ފުރިހަމައަށް ވަޒަންކުރެވޭނީ ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ގޭގެއަށް ޒިޔާރަތްކޮށް، އެ ޙާލަތު ބެލުމަށްފަހުގައިކަމަށް ކޮމިޓީން ނިންމާފައިވާތީ، ”ދިރިއުޅުމުގެ ޙާލަތު“، މިބަޔަށް ޕޮއިންޓްދިނުމަށްޓަކައި ގޭގެއަށް ޒިޔާރަތްކޮށް ޙާލަތު ވަޒަންކުރުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
”ހިޔާ“ މަޝްރޫޢަށް ހުށަހަޅާފައިވާ ހުރިހާ ފޯމެއްވެސް ކޮމިޓީއިން ދިރާސާކުރުމަށް ނިންމަވާފައިވާއިރު، ކޮމިޓީއިން ފޯމުތައް ބަލާ ވަކި ޕްރޮސެސްއެއް އޮވެއެވެ. މިގޮތުން އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކަނޑައަޅުއްވާފައިވާ ޝަރުތުތައް ފުރިހަމަވޭތޯއާއި، ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަތޯ ބަލައި، އެ މިނިސްޓްރީއިން ކަނޑައަޅުއްވާފައިވާ ޕޮއިންޓް ދިނުމުގެ މިންގަނޑާ އެއްގޮތަށް ކޮންމެ ފޯމަކަށްވެސް މި ޕްރޮސެސްގައި (ދިރިއުޅުމުގެ ހާލަތުގެ ބައި ފިޔަވައި) ޕޮއިންޓް ދެވިގެންދެއެވެ. އަދި ދެ ފަހަރެއްގެ މަތިން މި ޕްރޮސެސް ކުރިއަށް ގެންގޮސް ކޮންމެ ފޯމެއް 2 ފަހަރަށް ސްކްރީން ކުރެވެއެވެ.
”ހިޔާ“ މަޝްރޫޢަށް ހުށަހަޅާފައިވާ ފޯމްތައް ކޮމިޓީއިން އެސެސްކުރަމުންދަނީ، އަދި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވަނީ އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކޮންމެ ކެޓަގަރީއަކަށްވެސް އެންމެ ފަހުން ގެޒެޓްކޮށްފައިވާ ޝަރުތުތަކާއި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލުތައް އަސްލަކަށް ބަލައިގެންނެވެ. މިގޮތުން ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއިން ކޮންމެ ކެޓަގަރީއެއް އެސެސްކުރުމަށް ބޭނުންކުރާ ފޯމު 2019 ޑިސެންބަރު 1 ވަނަ ދުވަހު ޢާންމުކޮށްފައިވާނެ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
ފްލެޓް ކޮމެޓީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ސްކްރީނިންގ ޕްރޮސެސްގެ ތެރޭގައި، ޕޮއިންޓް ދެވޭއިރު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކަށް ބަލާ ޕޮއިންޓްދޭންޖެހޭ ގޮތަށް ހަމަޖެހިފައިވާއިރު، ”ހިޔާ“ މަޝްރޫޢަށް ހުށަހަޅާފައިވާ ބައެއް ފޯމުތަކާއެކު ހުށަހަޅަންޖެހޭ ގިނަ ލިޔެކިޔުން މަދުކަމަށް ކޮމިޓީއަށް ފާހަގަކުރެވިފައިވއެވެ.
އެގޮތުން އުފަންދުވަހުގެ ސެޓްފިކެޓާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަން އަންގައިދޭ ލިޔުންފަދަ މުހިއްމު ލިޔުންތައް މަދުކަމަށް ފާހަގަވެފައިވާކަން ބަޔާނުގައި ވަނީ ބުނެފައެވެ.
ނަމަވެސް ފޯމުތަކާ މި ކޮމިޓީއިން ހަވާލުވިއިރު، ފޯމުތައް ބަހައްޓާފައިވާ ގޮތުންނާއި، ކޮމިޓީ އޮފީހަށް ފޯމުތައް ގެނައުމުގެ ތެރޭގައި އެކި ލިޔުންތައް ގެއްލިފައިވެދާނެކަމަށް ބަލައި، ކޮމިޓީއިން މިފަދަ ފޯމުތައް ބާޠިލްކުރުމުގެ ބަދަލުގައި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ މެދުވެރިކޮށް މި މައުލޫމާތު ވެރިފައިކުރުމުގެ ޕްރޮސެސްއެއް ކުރިއަށްގެންދެ ކަމަށް ވަނީ ބުނެފައެވެ.
ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި ސްކްރީނިންގ ޕްރޮސެސް ކުރިއަށް ގެންދެވެނީ ކޮންމެ ފޯމެއް ވަކިން ބެލުމަށްފަހު، އެ ފޯމަކަށް ލިބޭ ޕޮއިންޓް ކަނޑައެޅިފައިވާ ފޯމެއްގައި ލިޔެ އެ ފޯމް ބެލި ފަރާތުން ސޮއިކޮށް، ކޮންމެ ފޯމަކަށް ލިބޭ މާކްސް އަދި ފޯމުގައިވާ ހުރިހާ މަޢުލޫމާތެއް ސިސްޓަމަށް އެންޓަރކުރަންޖެހޭގޮތަށެވެ.
ފްލެޓް ކޮމެޓީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ”ދިރިއުޅުމުގެ ޙާލަތު“ ބެލުމުގެ މަސައްކަތް ފެށެނީ، އެ ކެޓަގަރީއެއްގެ ހުރިހާ ފޯމެއްގެ ޕްރޮސެސް ނިމުމުންނެވެ. މިހާތަނަށް ކޮމިޓީއިން ”ދިރިއުޅުމުގެ ޙާލަތު“ ވަޒަންކުރުމުގެ މަސައްކަތް ފަށާފައިވާ ކެޓަގަރީތަކަކީ، H4، H5، H6، H10، H12، H13، H14، H15 އެވެ. އިތުރު ކެޓަގަރީތައް މަސައްކަތްތައް ނިމުމުން، ”ދިރިއުޅުމުގެ ޙާލަތު“ ބެލުމަށް ގޭގެއަށް ޒިޔާރަތްކުރުމުގެ މަސައްކަތް ފެށޭނެ ކޮމެޓީން ވަނީ ބުނެފައެވެ.
މީގެއިތުރުން ފްލެޓް ކޮމެޓީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ”ހިޔާ“ މަޝްރޫޢަށް ހުށަހަޅާފައިވާ ފޯމުތައް ކޮމިޓީއިން ދިރާސާކުރުމަށްފަހު، ފްލެޓް ޙައްޤުވާ ފަރާތްތައް ކަނޑައަޅައި، ލިސްޓުތައް ޢާންމުކުރެވޭއިރު، ކޮންމެ ފަރާތަކަށްވެސް އެފަރާތަށް ލިބިފައިވާ ޕޮއިންޓާއި، ޕޮއިންޓް ލިބިފައިވާ ގޮތް ސާފުކޮށް ހާމަކުރެވިގެންދާނެއެވެ. އަދި ޝަރުތު ހަމަނުވާ ފަރާތްތައްވެސް ޝަރުތު ހަމަނުވާކަމަށް ކަނޑައެޅިފައިވާ ސަބަބު ސާފުކޮށް ބަޔާންކުރެވޭނެއެވެ. އަދި މިގޮތަށް ޢާންމުކުރާ ލިސްޓުތަކާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ޝަކުވާއެއް ހުށަހަޅަން ބޭނުންނަމަ އެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް ފްލެޓް ކޮމެޓީން ވަނީ ބުނެފައެވެ.

