ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެގްރިމަންޓުގެ ދަށުން އިންޑިއާއަށް ދައްކަންޖެހޭ ފައިސާ ދައްކާ ހަލާސްކޮށްފި

ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިގްތިސާދީ ދުވެލި ހަރުދަނާކޮށް، ބޭރުގެ މާލީ އިދާރާތަކަށް ދައްކަންޖެހޭ ދަރަނިތައް އަދާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މުހިންމު ކާމިޔާބީތަކެއް ދަނީ ހޯދަމުންނެވެ. އެގޮތުން، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެގްރިމަންޓުގެ ދަށުން އިންޑިއާއަށް ދައްކަންޖެހޭ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިހާރު ވަނީ ދައްކާ ހަލާސްކޮށްފައެވެ.

މި ކަރަންސީ ސްވޮޕް އެއްބަސްވުމަކީ 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރެއްވުމަށްފަހު ގާއިމުކުރެވުނު މުހިންމު އެއްބަސްވުމެކެވެ. ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭ އާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރް.ބީ.އައި) އާ ދެމެދު ސޮއިކުރެވުނު މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ގަވަރުނަރު އަހްމަދު މުނައްވަރެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ކަރަންސީ ވިންޑޯއަކުން ފައިސާ ނެގުމުގެ މަގުފަހިވިއެވެ. އެއީ އެމެރިކާ ޑޮލަރު ނުވަތަ ޔޫރޯ ވިންޑޯއާއި އިންޑިއަން ރުޕީ ކަރަންސީ ވިންޑޯއެވެ. މި ފެސިލިޓީގެ ދަށުން 400 މިލިއަން އެމެރިކާ ޑޮލަރާއި 30 ބިލިއަން އިންޑިއަން ރުޕީސްއާ ހަމައަށް އެކި ފަހަރުމަތިން ސްވޮޕް ނެގުމުގެ ފުރުސަތު އެމްއެމްއޭއަށް ލިބިގެންދިޔައެވެ. މިއީ ރާއްޖޭގެ ފޮރިން އެކްސްޗޭންޖް ރިޒާވް ހަރުދަނާކުރުމަށާއި، ކުރު މުއްދަތުގެ މާލީ ބޭނުންތައް ފުއްދުމަށް 2016 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ މުހިންމު ވަސީލަތެކެވެ.
ޚާރިޖީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ”ފްރޭމްވޯކް އޮން ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ފޯ ސާކް ކަންޓްރީޒް 2024-2027“ ގެ ދަށުން އޮކްޓޫބަރު މަހު ބޭނުންކުރި 400 މިލިއަން ޑޮލަރު މިހާރު ވަނީ އެއްކޮށް ދައްކާ ނިންމާފައެވެ. މީގެ އިތުރުން، 2019 ވަނަ އަހަރު ބަޖެޓަށް އެހީވުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލުގެ ތެރެއިން 50 މިލިއަން ޑޮލަރު ވެސް ސަރުކާރުން ވަނީ ދައްކާފައެވެ.

ސަރުކާރުގެ މާލީ ހަރުދަނާކަން ހާމަވަނީ ހަމައެކަނި މި ފައިސާ ދެއްކުމަކުން ނޫނެވެ. މި މަހުގެ ކުރީކޮޅު، 2021 ވަނަ އަހަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ 524.68 މިލިއަން އެމެރިކާ ޑޮލަރު ވެސް ސަރުކާރުން ވަނީ ކާމިޔާބުކަމާއެކު ދައްކާ ނިންމާފައެވެ. މި ބޮޑު ދަރަނި އަދާކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް) އާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެންނެވެ.

މިފަދަ މާލީ ފިޔަވަޅުތަކުގެ ސަބަބުން ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ރާއްޖެއަށް އޮތް އިތުބާރު ބޮޑުވެ، އިގްތިސާދީ ކުރިމަގު އުޖާލާވުމަށް މަގުފަހިވެގެންދާނެއެވެ. ވަކިން ހާއްސަކޮށް، އިންޑިއާއާއެކު އޮތް މާލީ ގުޅުން ބަދަހިވެ، އަމިއްލަ ފައިސާއިން ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށް ފުރުސަތު ހުޅުވިގެން ދިއުމަކީ ރާއްޖޭގެ އިގްތިސާދަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: