ގއ. ވިލިނގިލީގައި މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ހިންގާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިސް މީހުން، އެކަށީގެންވާ ހެކި ނެތުމުގެ ސަބަބުން ބަންދުން ދޫކޮށްލުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފުލުހުންނަށް އަންގައިފިއެވެ.
ފުލުހުން ހިންގި ”އޮޕަރޭޝަން އަލިމަގު“ ގެ ދަށުން މިދިޔަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ހައްޔަރުކުރި މި ހަތަރު މީހުންނަކީ ގއ. ވިލިނގިލީ، ޝެވޯނާ، ޝައްފާހު ލަތީފް (28އ)، މިޔުޒިކީއާގެ، އަހުމަދު މަދީހު (33އ)، އައިޒަން، އަހުމަދު އަނާމް އިބްރާހިމް (30އ) އަދި އަރާއިރުގެ، ނޫރުއްނިޒާމް (35އ) އެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައި، މަސްތުވާތަކެތި ޓްރެފިކް ކުރުމާއި، ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުން އަދި މަނީލޯންޑަރިންގެ ކުށުގެ ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވީ މި މަހުގެ 9 ވަނަ ދުވަހުއެވެ. ނަމަވެސް ޕީޖީ އޮފީހުން ބުނީ، ދައުވާކުރުމުގެ މުއްދަތު ހަމަވިއިރު، ލިބިފައިވާ ހެކިތަކަށް ބަލާއިރު ޖިނާއީ ބޮޑު ކުށެއްގެ ދައުވާ ކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބި އެ އެންމެން ދޫކޮށްލުމަށް މިހާރު ވަނީ އަންގާފައެވެ.
ޖިނާއީ ބޮޑެތި ދައުވާތައް ނުކުރެވުނު ނަމަވެސް، ޝައްފާހު އާއި މަދީހު އަދި އަނާމްގެ މައްޗަށް ކެނެބިސް ބޭނުންކުރުމުގެ ދައުވާ އުފުލައި ޑްރަގް ކޯޓަށް ވަނީ ހުށަހަޅާފައެވެ. ނޫރުއްނިޒާމްގެ މައްޗަށް އެއްވެސް ކުށެއް ސާބިތުކުރެވޭ ވަރަށް ހެކި ނެތުމުން އޭނާގެ ބައި ވަނީ އަނބުރާ ފޮނުވާލާފައެވެ.
ފުލުހުން ކުރިން ހާމަކޮށްފައިވާ ގޮތުގައި، 2015 ވަނަ އަހަރުން ފެށިގެން ހިންގަމުން އައި މި ނެޓްވޯކުގެ އިސް މީހުންގެ އެކައުންޓުތަކުގައި 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުވެފައިވެއެވެ. އެގޮތުން މަދީހުގެ އެކައުންޓުން 17.1 މިލިއަން ރުފިޔާ، އަނާމްގެ އެކައުންޓުން 38.8 މިލިއަން ރުފިޔާ އަދި ޝައްފާހުގެ އެކައުންޓުން 6.9 މިލިއަން ރުފިޔާ ދައުރުވެފައިވާކަން ފާހަގަކުރެވުނު ނަމަވެސް، އެމީހުންނަށް މުސާރައިގެ ގޮތުގައި ލިބިފައިވަނީ އެއަށްވުރެ މާ މަދު މިންވަރެއް ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ދޫކޮށްލަން ޖެހުނީ ބޮޑެތި ކުށްތައް ސާބިތުކުރެވޭނެ އެކަށީގެންވާ ހެކި ނެތުމުގެ ސަބަބުން ކަމަށް ޕީޖީ އޮފީހުން ފާހަގަކުރެއެވެ.

