ތެލެސީމިއާ ސެންޓަރުގައި ލޭ ރައްކާކުރުމަށް ބޭނުންކުރާ އައިސް އަލަމާރިއަކަށް ދިމާވި މައްސަލައަކާ ގުޅިގެން، ހަލާކުވެފައި ހުރި ލޭ ތިން ކުއްޖެއްގެ ގަޔަށް އެޅުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި ހާދިސާ ހިނގާފައި ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ތެލެސީމިއާ ސެންޓަރުގެ ލޭ ރައްކާކުރާ ފްރިޖަކަށް ދިމާވި މައްސަލައަކާ ގުޅިގެން، އޭގައި ހުރި ލޭ ޕެކެޓުތައް ހަލާކުވުމުންނެވެ. ނަމަވެސް، ޖެހިގެން އައި ހޯމަ ދުވަހުގެ ހެނދުނު ލޭ އެޅުމަށް ސެންޓަރަށް ދިޔަ ތިން މީހެއްގެ ގަޔަށް ވަނީ އެ ފްރިޖުން ނެގި ލޭ އަޅާފައެވެ.
މި ހާދިސާއާ ގުޅޭގޮތުން މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) ގެ ޑިރެކްޓާ ޖެނެރަލް އަހުމީމް ފާރިޝް ބައެއް މީޑިއާތަކަށް ވިދާޅުވީ، ފްރިޖަށް މައްސަލަ ދިމާވުމާއެކު އޭގައި ހުރި ލޭ ޕެކެޓުތައް ރައްކާތެރި އެހެން އައިސް އަލަމާރިއަކަށް ބަދަލުކޮށް، އާ ލޭ ހޯދުމުގެ މަސައްކަތް އެރޭ، ވަގުތުން ފެށި ކަމަށެވެ. ނަމަވެސް، ޖެހިގެން އައި ދުވަހު ތިން މީހެއްގެ ގަޔަށް އެ ލޭ އެޅުނީ، ލޭ އަޅަމުން ދިޔަ ވަގުތު އެތަނުގައި މަސައްކަތް ކުރި ޑޮކްޓަރަކަށް އަދި ބައެއް ނަރުހުންނަށް މި ހާދިސާގެ މައުލޫމާތު ކުރިން ލިބިފައި ނެތުމުންކަމަށް އޭނާ ވިދާޅުވިއެވެ.
އެކަން އެނގުމުން އާއިލާތަކަށް ވަގުތުން އެންގިއިރު، ފްރިޖުން ނެގި ލޭ އެޅި ތިން މީހުންގެ ތެރެއިން އެއް ކުއްޖެއްގެ އާއިލާއަށް އެ މައުލޫމާތު ދިނުން ލަސްވެފައި ވެއެވެ.
އަހްމީމް ވިދާޅުވި ގޮތުގައި، އެއީ ކުނިވެފައި ހުރި ލެޔެއް ނޫނެވެ.
މިފަދަ ހާދިސާއެއް ތަކުރާރު ނުވާނޭގޮތް ހެދުމަށްޓަކައި، މިހާރު އޯޑަރު ކުރެވިފައިވާ އައު އިކުއިޕްމަންޓްތަކާއި ފްރީޒަރުތައް ވީހާވެސް އަވަހަކަށް ގެނައުމަށް އިސްކަންދޭނެކަމަށް އެމްބީއެސްއިން ވަނީ ބުނެފަ އެވެ.
މީގެއިތުރުން މި މައްސަލަ ހިނގި ގޮތް ބަލަމުންދާކަމަށް އަހްމީމް ވަނީ ވިދާޅުވެފަ އެވެ.

