ދުނިޔޭގެ މަޝްހޫރު ޕޮޕް އައިކަން މައިކަލް ޖެކްސަންގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ”މައިކަލް“ ފިލްމު ދައްކަން ފެށުމާއެކު، ފާޑުކިޔުންތެރިންނާއި ބެލުންތެރިންގެ ފަރާތުން އެކި ކަހަލަ ޚިޔާލުތައް އަންނަނީ ލިބެމުންނެވެ.
އެންޓޮއިން ފުކުއާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި، މައިކަލް ”ޖެކްސަން 5“ އިން ފެށިގެން ދުނިޔޭގެ އެންމެ ނުފޫޒުގަދަ ފަންނާނަކަށް ވުމާ ހަމައަށް އޭނާ ކަނޑަނޭޅި ކުރި ދަތުރު ދައްކުވައިދެއެވެ.
މި ފިލްމާ މެދު ބޮޑު އުންމީދުތަކެއް ކުރެވުނު ނަމަވެސް، ފާޑުކިޔުންތެރިންގެ މެދުގައި މިހާރު ވަނީ ޚިޔާލު ތަފާތުވުންތައް އުފެދިފައެވެ. ބައެއް ފަރާތްތަކުން ފިލްމުގެ މަންޒަރުތަކާއި، މިއުޒިކް އަދި ޚާއްސަކޮށް ޖަޢުފަރު ޖެކްސަންގެ ހުށަހެޅުންތަކަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައިވެއެވެ. އޭނާ މައިކަލްގެ އަޑާއި، ހަރަކާތްތައް އަދި ސްޓޭޖްގެ ހުށަހެޅުންތައް ވަރަށް ފުރިހަމައަށް އަސްލާ އެއްގޮތަށް ދައްކުވައިދީފައިވާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.
ނަމަވެސް، ފިލްމުގެ ވާހަކަ ގެނެސްދީފައިވާ ގޮތާމެދު ބައެއް ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފައެވެ. ބައެއް ފާޑުކިޔުންތެރިން ބުނާ ގޮތުގައި، މި ފިލްމުގައި މައިކަލްގެ ހަޔާތުގެ ބައެއް ކަންކަން ދައްކުވައިދިނުމުގައި ހަނި ދާއިރާއެއް އިޚްތިޔާރުކޮށް، އޭނާއަށް އަމާޒުވި ބޮޑެތި މައްސަލަތަކުގެ މައްޗަށް ފުންކޮށް އަލިއަޅުވާލާފައެއް ނުވެއެވެ. ބައެއް ފަރާތްތަކުން މި ފިލްމުގެ ވާހަކަ ސިފަކުރަނީ ”ރައްކާތެރި“ ގޮތަކަށް އުފައްދާފައިވާ، އަދި އިހުސާސްތައް މަދު ފިލްމެއްގެ ގޮތުގައެވެ.
މިފަދަ ފާޑުކިޔުންތަކާއެކުވެސް، އާންމު ބެލުންތެރިންގެ، ޚާއްސަކޮށް މައިކަލްގެ ސަޕޯޓަރުންގެ ފަރާތުން މި ފިލްމަށް ލިބެމުންދަނީ ވަރަށް ބޮޑު ތަރުހީބެކެވެ. މައިކަލްގެ ހަނދާންތައް އާކޮށްދޭ ފުރިހަމަ މަންޒަރުތަކާއި، އޭނާގެ މިއުޒިކީ ކާމިޔާބީތަކަށް ދީފައިވާ އިހުތިރާމަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.
ޕޮޕް ސަގާފަތުގެ ތާރީހު ބަދަލުކޮށްލި ހަޔާތެއް
1958 ވަނަ އަހަރު އުފަންވި މައިކަލް ޖެކްސަންގެ ފަންނީ ދަތުރު ފެށިގެން ދިޔައީ ކުޑަކުއްޖެއްގެ ގޮތުގައި ”ޖެކްސަން 5“ ބޭންޑުގެ ލީޑް ސިންގަރެއްގެ ގޮތުގައެވެ. 1980 ގެ އަހަރުތަކަށް އައިއިރު، އޭނާ ވަނީ މުޅި ދުނިޔެއަށް މަޝްހޫރުވި ފަންނާނަކަށް ބަދަލުވެފައެވެ. ވަކިން ހާއްސަކޮށް، އޭނާގެ ”ތްރިލާ“ އަލްބަމަކީ ދުނިޔޭގައި މިހާތަނަށް އެންމެ ގިނައިން ވިކުނު އަލްބަމަށް ވެ، މިއުޒިކީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނުވިއެވެ. މި އަލްބަމް ނެރުނުތާ 43 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރުވެސް، ދުނިޔޭގެ ތާރީޚުގައި އެންމެ ގިނައިން ވިކުނު އަލްބަމްގެ މަގާމު މިއަދާ ހަމައަށްވެސް ދަމަހައްޓަމުން ދިއުމަކީ އޭނާގެ ފަންނީ ކާމިޔާބީގެ ފާހަގަކޮށްލެވޭ ހެއްކެކެވެ.
ޖެކްސަން ފާހަގަކުރެވެނީ ހަމައެކަނި އޭނާގެ މިއުޒިކަކަށް ނޫނެވެ. މިއުޒިކް ވީޑިއޯތަކުގެ ފެންވަރު މަތިކުރުމާއި، އެމް.ޓީ.ވީ ފަދަ ޕްލެޓްފޯމްތަކުން ނަސްލީ ތަފާތުކުރުންތައް ނައްތާލުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރިއެވެ. އަދި ”މޫންވޯކް“ ފަދަ އޭނާ ތައާރަފުކުރި ހާއްސަ ނެށުންތަކަކީ އޭނާގެ ފަންނުވެރިކަމުގެ ރަމްޒަކަށް ވެގެންދިޔައެވެ.
އެހެންނަމަވެސް، އޭނާގެ ހަޔާތަކީ އާންމުންގެ ބޮޑެތި ފާޑުކިޔުންތަކާއި، އަމިއްލަ ދިރިއުޅުމުގެ ތަފާތު ގޮންޖެހުންތަކާއި، އަދި އޭނާގެ ކާމިޔާބީތަކުގެ މައްޗަށް ހިޔަނި އެޅުވި އެތައް މައްސަލަތަކެއް ކުރިމަތިވި ދިރިއުޅުމެކެވެ. މި ހުރިހާ ކަމަކާއެކުވެސް، އޭނާގެ ނުފޫޒަކީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. އޭނާ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެތައް ޖީލެއްގެ ފަންނާނުންނަށް ހިތްވަރު ލިބިދީފައެވެ.

ޖެކްސަން 2009 ވަނަ އަހަރު ދުނިޔެ ދޫކުރި ނަމަވެސް، އޭނާގެ މިއުޒިކާއި، ހުށަހެޅުންތަކާއި، އަދި މުޅި ސަގާފަތަށް ކުރި އަސަރުގެ ސަބަބުން އޭނާގެ ހަނދާންތައް އަދިވެސް ދެމިއޮވެއެވެ. މިއަދުވެސް އޭނާ ބެލެވެނީ ”ކިންގް އޮފް ޕޮޕް“ ގެ ގޮތުގައެވެ. މިއީ މުޅި ދުނިޔެއަށް އޭނާގެ މަގުބޫލުކަން ފެތުރިފައިވާ މިންވަރު ރަމްޒުކޮށްދޭ ލަގަބެކެވެ.
މަޝްހޫރުކަމާއި، ނުފޫޒާއި އަދި ބަހުސްތަކުން ފުރިގެންވި ދިރިއުޅުމެއް
މައިކަލް ޖެކްސަންއަކީ މިއުޒިކީ ދާއިރާގައި ދެވަނައެއް ނެތް ފަދަ ކާމިޔާބީތަކެއް ހޯދާފައިވާ ފަންނާނަކަށް ވީނަމަވެސް، އޭނާގެ ދިރިއުޅުމަކީ ނަފްސާނީ ގޮތުން ބޮޑެތި ފިއްތުންތަކާއި، މުޅި ދުނިޔޭގެ ފާޑުކިޔުންތަކާއި، އަދި އެތައް އަހަރަކަށް ދެމިގެންދިޔަ ސީރިއަސް ތުހުމަތުތަކެއް ކުރިމަތިވި ދިރިއުޅުމެކެވެ.

1990 ގެ އަހަރުތަކާއި 2000 ގެ ކުރީކޮޅުގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުތަކެއް ޖެކްސަންއަށް އެކި ފަހަރުމަތިން އަމާޒުވިއެވެ. މި ތުހުމަތުތަކާ ގުޅިގެން ތަހުގީގުތަކާއި، ޝަރީއަތްތައް ކުރިއަށްދިޔައިރު، މުޅި ދުނިޔޭގެ މީޑިއާތަކުން މި ޚަބަރުތައް ވަރަށް ބޮޑަށް ފެތުރިއެވެ. 2005 ވަނަ އަހަރު އޭނާގެ މައްޗަށް ކުރެވުނު ޖިނާއީ ހުރިހާ ދައުވާތަކަކުން އޭނާ ސަލާމަތްވި ނަމަވެސް، އެކަމާ ގުޅޭ ބަހުސްތަކާއި ޝައްކުތައް އާންމުންގެ ތެރޭގައި އޭގެ ފަހުން ވެސް ދެމިއޮތެވެ.
އޭނާއަށް ކުރެވުނު ތުހުމަތުތަކުގެ އިތުރުން، އޭނާގެ ބޮޑު މަޝްހޫރުކަމުގެ ސަބަބުން އޭނާގެ އަމިއްލަ މިނިވަންކަން މުޅިންހެން ގެއްލިގެންދިޔައެވެ. އެކި ދުވަސްވަރު ފެންމަތިވެފައިވާ ރިޕޯޓްތަކުގައިވާ ގޮތުން، އާންމުންގެ ތެރޭގައި އުޅޭއިރު މީހުންނަށް އޭނާ ދެނެގަންނަން ނޭނގޭ ގޮތަށް ބައެއް ފަހަރު އޭނާގެ ސިފަ ބަދަލުކޮށްގެން އުޅެއެވެ. އޭނާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ބޭނުންކުރާ ވަރުގަދަ އިންތިޒާމުތަކަކީ، އޭނާގެ މަޝްހޫރުކަމާއި އޭނާއަށް އޮންނަ ސަމާލުކަމުގެ ސަބަބުން ބޭނުންކުރަން ޖެހުނު އާދަޔާޚިލާފު ވަސީލަތްތަކެކެވެ.
މަޝްހޫރުކަމުގެ ސަބަބުން ކުރިމަތިވި ފިއްތުންތަކާއި، އަމިއްލަ ދިރިއުޅުމުގެ ހާލަތާއި، އަދި މީޑިއާގެ ހުއްޓުމެއްނެތް ސަމާލުކަމުގެ ސަބަބުން، ސްޓޭޖުގެ ފުރަގަހުގައި އޭނާ ހޭދަކުރީ ނުހަނު އުނދަގޫ އަދި އޮޅުންބޮޅުން ބޮޑު ދިރިއުޅުމެކެވެ.
2009 ވަނަ އަހަރު އޭނާ މަރުވި ނަމަވެސް، އޭނާއަށް އޮތް ޝައުގުވެރިކަމަކަށް ބަދަލެއް ނާދެއެވެ. އޭނާ އަދިވެސް ދިރިހުރި ކަމަށް ބުނެ އެކި ކަހަލަ ”ކޮންސްޕިރަސީ ތިއަރީ“ ތައް އިންޓަނެޓުގައި ބައެއް ފަހަރު ދައުރުވެއެވެ. މިފަދަ ވާހަކަތަކަށް އެއްވެސް ހެއްކެއް ނެތް ނަމަވެސް، މިއިން ހާމަވަނީ އޭނާގެ ދިރިއުޅުމާއި އޭނާ ދޫކޮށްދިޔަ ހަނދާންތަކަށް މީހުންގެ ހިތްތަކުގައި އޮތް ބޮޑު ޝައުގުވެރިކަމެވެ.

