2015 ވަނަ އަހަރު ސަންގު ޓީވީ އުފެދިގެން އައިސް، ”ސަންގު“ ނަން ފެނުމުން ވަރަށް އުފާވިކަމަށާއި، ”ސަންގު“ އާއި މެދު ދެކެނީ އެމަނިކުފާނުގެ ވެސް ދަރިއެއްގެ ގޮތުގައިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސަންގު ޓީވީއަށް 11 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިއަދު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީއަކީ ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯދުމަށް ކުރެވުނު ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. މި ގާނޫނުއަސާސީގެ އެންމެ މައިގަނޑު ބާރަކީ އަސާސީ ހައްގުތަކާއި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަންގު ޓީވީ މިއަދާއި ހަމައަށް ގެނައުމުގައި، ސަންގުގެ ފައުންޑަރ އިބްރާހިމް ވަހީދު (އަސްވާޑު) ކުރެއްވި މަސައްކަތަށް ރައީސް ނަޝީދު ވަނީ ތައުރީފް ކުރައްވާފަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ، ސަންގު ނޫހަކީ އެމަނިކުފާނުގެ ވެސް ދަރިއެއް ފަދަ ނޫހެއްކަމަށް އަބަދުވެސް ދެކެވަޑައިގަންނަވާ ކަމަށާއި، އެ ނަމުގައި ނޫސް ނެރެން ފެށުމުން ވަރަށް ބޮޑަށް އުފާވި ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ”ސަންގު“ އަކީ ދިވެހި ތާރީހާއި ސަގާފަތުގެ ތެރެއިން ހަބަރު ފެތުރުމަށާއި މީހުން އެއްކުރުމަށް ބޭނުންކުރާ ވަރަށް މުހިންމު ވަސީލަތެކެވެ.
އެނގި ވަޑައިގަންނަވާނެ ސަންގަކީ ހަބަރު އެއްކުރުމަށް ވެސް، ރޯދަވިއްލަންވީމަށް ވެސް، އީދަށްވެސް ގޮވާލަނީ ސަންގު ފުމެގެން. ޚަބަރު އެއްވުމަކީ ލުއި ކަމެއް ނޫން ކުޑަ ކަމެއް ނޫން. ގިނަފަހަރުން ޚަބަރު އެއްވެއްޖެއްޔާ ރަދުން ބަދަލުވެފައި އޮންނަނީ
ނޫސްވެރިކަމުގެ މިނިވަންކަން ހޯދުމަށް ކުރެއްވި ހަނދާންތައް އައުކުރައްވަމުން ނަޝީދު ވިދާޅުވީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއާ ގުޅިގެން ރާއްޖެ އައި އިންޑިއާ ސިފައިންގެ ތެރެއިން ސިފައިން 1989 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ތިބި ކަމަށެވެ. އަދި އޭރުގެ ސަރުކާރުން ނޫސްވެރިކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ދީ، 1989 ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މިނިވަންކަމާއެކު ކުރިއަށް ގެންދިއުމަށް މަގުފަހިވީ އިންޑިއާގެ ބާރުގެ ދަށުން ކަމަށް ދެކޭކަމަށް ވެސް ވިދާޅުވިއެވެ.
”ސަންގު“ ނޫހުގެ ފެށުމާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ އެއީ އެމަނިކުފާނާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، މުހައްމަދު ޝަފީގު އަދި އަހްމަދު އައްބާސް ފަދަ ބޭފުޅުން ގުޅިގެން މާޒް އަހްމަދު މަނިކާއެކު އުފެއްދެވި ”ދަރިއެއް“ ފަދަ ނޫހެއް ކަމަށެވެ. ނޫސްވެރިކަމުގެ ސަބަބުން 16 ވަރަކަށް ފަހަރު ހުކުމް އައިސް، ޖަލުގެ އެކި އަނިޔާތަކާއި ކުރިމަތިލާންޖެހުނުކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން ތަފާތު ހާދިސާއެއްގެ ވާހަކަ ހިއްސާކޮށް އެމަނިކުފާނު ވަނީ، ”ހަސަން ކުރުސީ“ ގެ ނަމުގައި ޖަވާބުދާރީވި ހާދިސާއަށް އަލިއަޅުއްވާލައްވާފަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތްއިރު ދައުލަތުގެ އާމްދަނީއަކީ 4 ބިލިއަން ރުފިޔާ ކަމަށާއި، ނަމަވެސް މިނިވަންކަމާއެކު މިއަދު އެ އަދަދު 40 ބިލިއަނަށް އަރާފައިވާ ކަމަށެވެ. މިއީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ސަބަބުން ލިބުނު 10 ގުނަ ކުރިއެރުމެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ ވައްޓަފާޅިއަށް ރައީށް ނަޝީދު ވިދަޅުވީ ދައުލަތުގެ ހަތަރުވަނަ ބާރަކީ ކޮބައިކަން ދަނެގެން، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް މީޑިއާތަކުން ކުރަންޖެހޭކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މިއީ ހަމައެކަނި، މަޖިލީހަށް އޮތް ޒިންމާއެއް ނޫން ކަމަށެވެ.
ނޫސްވެރިކަމުގެ ތެރޭގައި އަވަސް ހަބަރު ގެނެސްދިނުމަށް އޮތް ވާދަވެރިކަމަށް ވެސް ރައީސް ނަޝީދު ވާހަކަ ދެއްކެވި އެވެ. އެގޮތުން އަވަސް ހަބަރު ގެނައުން މުހިންމުކަމަށާއި، ނަމަވެސް އެއާއިއެކު އެ އަވަސް ހަބަރަކީ އެއީ ސައްހަ މައުލޫމާތެއްތޯ ކަށަވަރު ކުރަންޖެހޭކަމަށް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ނަޒަރުގައި އަވަސް ހަބަރުގެ މައުލޫމާތު ގެނެސްދިނުން ލަސްވި ނަމަވެސް، އެ ގެނެސްދެނީ އޭގެ އަސްލު ތެދު ނަމަ ގޯހެއް ނެތްކަމަށެވެ. އަދި އެމަނިކުފާނަކީ އަވަސް ހަބަރަށް ބުރަވާ ބޭފުޅެއް ނަމަވެސް، އެންމެ ރަނގަޅީ އޭގެ ހޫނުކަންމަތީ ގެނައުމަށް ވުރެ ތެދު މައުލޫމާތު ހުރުންކަމަށް ގަބޫލު ކުރާކަމަށް ވިދާޅުވިއެވެ.
އެހެންވީމަ އަބަދުވެސް އެބަ ވަޒަންކުރޭ ދިރާސާގެ މިންވަރާ ހޫނު ހަބަރާ. މީ ދެފަރާތުގައި އޮންނަ ދެކަންތައް. ހޫނު ހަބަރު އެބަ ނެރެންޖެހޭ. އަވަހަށް އެކަން ކުރަންޖެހޭ. ހަމައެއާއެކީގައި ތެދު ހަބަރަކަށް ވެސް އެވާން ޖެހޭ. ބައެއްފަހަރަށް އަޅުގަނޑަށް އިލްތިމާސްކުރެވެނީ ހޫނަށްވުރެ ތެދުވީމަ މާ މުހިންމޭ، މާ ރަނގަޅޭ. އެހެންވީމަ ކުޑަކޮށް ހިހޫ ވެލިޔަސް ތެދު، އެ ވެރިފައިޑް ހަބަރެއް ދިނުން އެއީ އަޅުގަނޑު ދެކޭ ގޮތުގައި މާ މުހިންމު ކަމެއް. އަޅުގަނޑު ތިބޭފުޅުން ތި ކުރައްވާ ނުރައްކާތެރި މަސައްކަތް ވަރަށް ބޮޑަށް އަގުވަޒަންކުރަން.
ރައީސް ނަޝީދު ވަނީ ނޫސްވެރިން ކުރަނީ ނުރައްކާތެރި އަދި ބުރަ މަސައްކަތެއްކަން ފާހަގަކުރައްވައި، ވިޔަފާރިވެރިން މީޑިއާއަށް ކުރާ ހޭދައަކީ އެހީއެއްގެ ބަދަލުގައި ކުރެވޭ ”އިންވެސްޓްމަންޓެއް“ ކަމަށް ސިފަކުރައްވާފައެވެ.
މިރޭ ރައީސް ނަޝީދުގެ ވާހަކަފުޅު ނިންމަވާލައްވަމުން ނޫސްވެރިންނަށް ކުރި އިލްތިމާސަކީ ތިމާވެށީގެ ދާއިރާގެ ހަބަރުތައް ގިނަކޮށް، ދިރާސާ ކުރުމަށެވެ.

