ސަންގު ޓީވީގެ 11 އަހަރުގެ ތެރޭގައި ހޯދި ކާމިޔާބީގެ ފަހަތުގައިވަނީ ފެށިގެން އައިސް މިއަދާއި ހަމައަށް ހިފެހެއްޓި ހަރުދަނާ އެޑިޓޯރިއަލް ޕޮލިސީކަމަށް ސަންގުޓީވީގެ ޑިރެކްޓަރ ލީނާޒް ހުސެއިން (ލިޒީ) ވިދާޅުވެއްޖެ އެވެ.
ސަންގު ޓީވީގެ 11 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ލީނާޒް ވިދާޅުވީ، މީޑިއާއެއްގެ މިނިވަންކަން އެންމެ ބޮޑަށް ފެނިގެންދަނީ އެތަނެއްގެ ފައިނޭންޝަލް ސްޓޭބިލިޓީ ނުވަތަ މާލީ ހަމަޖެހުމުގެ މައްޗަށް ކަމަށެވެ. ސަންގު ޓީވީ މިއަދު މިދެކޭ ކާމިޔާބީގެ ފަހަތުގައި ވަނީ ރާއްޖޭގެ އެކި ވިޔަފާރިތަކުން ދޭ ދީލަތި އެހީތެރިކަމާއި ސްޕޮންސަރުންކަން ލީނާޒް ފާހަގަކުރެއްވިއެވެ.
ސަންގު ހިނގަނީ، ސަންގު ދުވަނީ، ސަންގަށް ބާރުދެނީ ރާއްޖޭގެ ވަރަށް ގިނަ ދީލަތި ވިޔަފާރިތަކުން ދޭ އެހީތެރިކަމުން. ވަރަށް ގިނަ ސްޕޮންސަރުން އެއްކޮށްލުމުން ދެކޮޅުޖެހި، ސަންގު ފުމެން ޖާގަ ލިބެނީ އެ ސަބަބަށްޓަކައި
ލީނާޒް ވިދާޅުވީ މި ބިންގަލުގެ ސަބަބުން، ވަކި ސިޔާސީ ފިކުރަކަށް ނުވަތަ ބަޔަކަށް ބަރޯސާނުވެ، މިނިވަން ނޫސްވެރިކަމެއް ކުރުމުގެ ފުރުސަތު ސަންގު ޓީވީއަށް ފަހިވެފައިވާ ކަމަށެވެ.
ސަންގު ޓީވީއަށް 11 އަހަރު ފުރިގެންދިޔައިރު، އެކި ގޮންޖެހުންތަކާ އެކުވެސް އެއް ރޭންކެއްގައި ހިފެހެއްޓިފައިވަނީ މައިގަނޑު ދެ ކަމެއްގެ ސަބަބުންކަން ލީނާޒް ފާހަގަކުރެއްވިއެވެ. ލީނާޒް ވިދަޅުވި ގޮތުގައި އެއީ 2015 ވަނަ އަހަރުން ފެށިގެން ސަންގުން ޕްރެކްޓިސްކުރަމުން އަންނަ ހަރުދަނާ އެޑިޓޯރިއަލް ޕޮލިސީއާއި، އެކަން ތަންފީޒުކުރުމުގައި މަސައްކަތްކުރާ ހީވާގި މުވައްޒަފުންނެވެ.
ލީނާޒް ވިދާޅުވީ ކިތަންމެ މޮޅު ޤާނޫނެއް ހެދި ނަމަވެސް ތަންފީޒު ނުކުރެވޭނަމަ ފެއިލްވާނެ ފަދައިން، ރަނގަޅު މުވައްޒަފުން ތިބެފައި ސިޔާސަތުތައް ގޯސްނަމަވެސް ކާމިޔާބީއެއް ނުލިބޭނެ ކަމަށެވެ. އެހެންކަމުން ސަންގުގެ ކާމިޔާބީއަކީ އެތަނުގެ ސިޔާސަތުތަކާއި މުވައްޒަފުންގެ މަސައްކަތް ބައްދަލުވާ ހިސާބުކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ލީނާޒް ވަނީ ސަންގު ޓީވީގެ ބެލުންތެރިންނަށް ޝުކުރު އަދާކުރައްވައި، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ކޮންމެ ކަމެއް ހިނގި ނަމަވެސް، ލަސްކުރުމެއްނެތި އެ އަޑާއި މަންޒަރު ސަންގުޓީވީން ވަގުތުން ގެނެސްދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ޓީވީއާއި ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް، ގައުމުގައި ހިނގާ ހުރިހާ ކަމެއް އެންމެ އަވަހަށް ބެލުންތެރިންނަށް ފޯރުކޮށްދިނުމުގައި ސަންގު ދެމިއޮންނާނެކަމަށް ވިދާޅުވިއެވެ.

