ދުނިޔޭގެ ތާޒާ ފެނުގެ ވަސީލަތްތައް އިއާދަވާ މިންވަރަށްވުރެ މާ ހަލުވިމިނެއްގައި ބޭނުންކުރަމުން ދިއުމުގެ ސަބަބުން، މުޅި ދުނިޔެ ”ފެނުގެ ބަނގުރޫޓުވުމުގެ“ (Water Bankruptcy) ދައުރަކަށް ދަތުރުކުރަމުންދާ ކަމަށް ބުނެ އދ. އިން އިންޒާރެއް ނެރެފިއެވެ. މިއީ ތިމާވެށީގެ ގޮތުން މިހާތަނަށް ދެވުނު އެންމެ ބޮޑު އެއް އިންޒާރެވެ. މިކަމާ ގުޅޭގޮތުން ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ކޯރުތަކާއި، ފެންގަނޑުތަކާއި، ގަނޑުފެންތަކާއި، އަދި ބިމުގެ އަޑީގައި ހުރި ފެނުގެ ޛަޚީރާތަކަށް ވަނީ ނުހަނު ބޮޑަށް ބާރުބޮޑުވެފައެވެ.
މި ނުރައްކާތެރި ހާލަތު މެދުވެރިވާން ދިމާވި މައިގަނޑު ސަބަބުތަކަކީ މޫސުމީ ބަދަލުތަކާއި، ތަޣައްޔަރުވުމާއި، ހަލުވިކަމާއެކު ސިޓީތައް ބޮޑުވުމާއި، އާބާދީ އިތުރުވުމުގެ އިތުރުން އިސްރާފު ބޮޑު ގޮތްގޮތަށް ފެން ބޭނުންކުރުމެވެ. ތަޖުރިބާކާރުން ސިފަކުރާ ގޮތުގައި މިއީ ދުނިޔޭގެ ފެނުގެ ނިޒާމަށް ކުރިމަތިވެފައިވާ ”ފުރިހަމަ ތޫފާނެއް“ ފަދަ ކަމެކެވެ.
މިހާރު ކަންކަން ހުރި މަގުން ކުރިއަށްދާނަމަ، ކުރިއަށް އޮތް އަހަރުތަކުގައި ބިލިއަނުން މީހުންނަށް ފެނުގެ ދަތިކަމާ ކުރިމަތިލާންޖެހި، ތިމާވެއްޓަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބޭނެއެވެ.
”ފެނުގެ ބަނގުރޫޓުވުން“ މި ލަފުޒުން މާނަކުރަނީ، ބޭންކް އެކައުންޓެއްގައި ހުރި ފައިސާއަށްވުރެ އިތުރަށް ޚަރަދުކުރުމުން ވާނޭ ގޮތް ފަދައިން، ދުނިޔޭގައި ހުރި ތާޒާ ފެނުގެ މިންވަރަށްވުރެ އިތުރަށް އިންސާނުން ފެން ބޭނުންކުރަމުން ދިއުމެވެ. ވާރޭވެހުމާއި އާތްވަށް ވުމުގެ ޒަރީއާއިން ފެން އިއާދަވަމުން ދިޔަ ނަމަވެސް، އިންސާނުންގެ އަމަލުތަކުގެ ސަބަބުން މި ގުދުރަތީ ބަދަލުވުންތަކަށް ވަނީ ބުރޫއަރާފައެވެ. ވަކިން ހާއްސަކޮށް، ބިމުގެ އަޑީގައި ހުރި ފެނުގެ ފަށަލަތައް (Groundwater reserves) ހުސްވަމުންދާ މިންވަރު އިންތިހާއަށް ބޮޑެވެ. އެތައް ހާސް އަހަރަކުން އުފެދުނު މި ފެން ފަށަލަތައް މަދު އަހަރުތަކެއްގެ ތެރޭގައި ހުސްވަމުންދާއިރު، މީގެ ތެރެއިން ބައެއް ތަންތަނަކީ ދުވަހަކުވެސް އިއާދަނުވާނޭ ފަދަ ތަންތަނެވެ.
ފެން ލިބުން ދަތިވުމުގެ އިތުރުން، ފެން ތަޣައްޔަރުވުމަކީވެސް ބޮޑު މައްސަލައެކެވެ. ކާރުޚާނާތަކުން އުކާލާ ކުނި، ދަނޑުވެރިކަމުގައި ބޭނުންކުރާ ކެމިކަލް، ޕްލާސްޓިކް، އަދި ނަޖިސް ފެން ކޯރުތަކާއި ފެންގަނޑުތަކަށް އެޅުމުގެ ސަބަބުން ފެނުގެ ފެންވަރު ދަނީ ދަށަށެވެ.
މީގެ ސަބަބުން ތަރައްގީވަމުންދާ ގައުމުތަކުގައި ސާފު ބޯފެން ހޯދުން ދަތިވާއިރު، މުއްސަނދި ގައުމުތަކަށްވެސް މިކަމުގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން ފިނިހޫނުމިން މަތިވެ، ފެން އާތްވަށްވާ މިންވަރު އިތުރުވެ، ހަނަފަސްކަން ދަނީ ދިގުލައިގެން ދަމުންނެވެ. އަދި ބައެއް ސަރަހައްދުތަކުގައި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުންދެއެވެ.
މި ކާރިސާގެ އަސަރު ތިމާވެށީގެ އިތުރުން އިގްތިސާދަށާއި ދުނިޔޭގެ ކާނާގެ ރައްކާތެރިކަމަށްވެސް ކުރާނެއެވެ. ދަނޑުވެރިކަމަކީ އެންމެ ގިނައިން ފެން ބޭނުންކުރާ ސިނާއަތަށް ވާއިރު، ފެން މަދުވުމުން ގޮވާން ކުރެވޭ މިންވަރު ދަށްވެ، ކާބޯތަކެތީގެ އަގު އުފުލިގެންދާނެއެވެ. ހަމައެހެންމެ، އެއް ކޯރެއް ނުވަތަ އެއް ފެންގަނޑެއް ހިއްސާކުރާ ގައުމުތަކުގެ މެދުގައި ފެނުގެ މައްސަލައިގައި ސިޔާސީ ހަމަނުޖެހުންތައް އުފެދުމަކީވެސް އެކަށީގެންވާ ކަމެކެވެ.
މި ހިތްދަތި ހާލަތުން އަރައިގަތުމަށްޓަކައި އދ. އިން ބާރުއަޅަނީ ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމަށާއި، ފެން މެނޭޖްކުރުމުގެ ހަރުދަނާ ސިޔާސަތުތައް އެކުލަވައިލުމަށެވެ. ދަނޑުވެރިކަމުގައި ފެން އިސްރާފުކުޑަ ޒަމާނީ ނިޒާމުތައް ބޭނުންކުރުމާއި، ބޭނުންކޮށްފައިވާ ފެން އަލުން ފުރޭނުމަށްފަހު ބޭނުންކުރުމާއި، އަދި ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަންކަމެވެ.
ފެނުގެ ރައްކާތެރިކަމަކީ ހަމައެކަނި ތިމާވެށީގެ މައްސަލައެއް ނޫން ކަމެވެ. އެއީ އިންސާނީ ކަރާމާތާއި، އިގްތިސާދީ ކުރިއެރުމާއި، އަދި ގައުމުތަކުގެ އަމާންކަމާ ގުޅިފައިވާ ބޮޑު ގޮންޖެހުމެކެވެ. ދުނިޔޭގެ މުސްތަގުބަލު އޮތީ މިއަދު އަޅުގަނޑުމެން ފެނުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތުގެ މައްޗަށެވެ.

