މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި މުހައްމަދު ލަމްއާން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރަކަށް އައްޔަނުކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މައުލޫމާތު ދިންގޮތުގައި، އެމްޕީއެލްގެ ބޯޑަށް ލަމްއާން އައްޔަނުކުރީ އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ޒިޔަތު ވަކިކުރުމަށްފަހު އެވެ. އެހެންކަމުން ލަމްއާން ކުންފުނީގެ އޮޕަރޭޝަނަލް ކަންކަމުގައި އަމަލީގޮތުން ބައިވެރިވާނެ އެވެ.
ލަމްއާން އެމްއޭސީއެލްގެ މަގާމުން އިސްތިއުފާ ދެއްވީ އިއްޔެގެ ވަގުތެއްގައެވެ. އޭނާ އެ ކުންފުނީގެ ޑީއެމްޑީގެ މަގާމަށް އައްޔަނުކުރީ މިއަހަރުގެ ފެބްރުއަރީ މަހު އެވެ. މަގާމުން ވަކިވުމަށްފަހު ލަމްއާން ވިދާޅުވީ، އޭނާ އިސްތިއުފާ ދެއްވީ ސަރުކާރުގެ އެހެން ކުންފުންޏަކަށް ބަދަލުވުމުގެ ބޭނުމުގައި ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި އޭނާއަށް ކުރި ތުހުމަތުތައް ދޮގުކުރެއްވި އެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަން ލަމްއާން ކުރެއްވި އެވެ.
ކައުންސިލް އިންތިހާބަށް ފަހު ސަރުކާރުގެ ބައެއް ބޮޑެތި ކުންފުނިތަކުގެ އިސް މަގާމުތަކަށް އަންނަނީ ބަދަލުތައް ގެންނަމުންނެވެ. އެގޮތުން މިފްކޯ، ފެނަކަ އަދި އެމްޑަބްލިއުއެސްސީ ފަދަ ކުންފުނިތަކުގެ ވެރިން ވެސް ވަކިކޮށްފައި ވެއެވެ.

