އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު ފަސްކުރުމަށް ކުރަމުންދާ މަސައްކަތް ބަލައެއް ނުގަންނަކަމާށާއި، ދީފައިވާ ޓައިމްލައިނާއި އެއްގޮތަށް ވޯޓުލުން ކުރިޔަށް ގެންދަން ޖެހޭކަމަށް އިންތިހާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
މީކާއިލް ވިދާޅުވީ ޕާޓީގެ ޗެއާޕާސަން އިންތިހާބު ލަސްކުރަން އުޅޭ އުޅުމަކީ އޭނާވެސް އަދި އެމްޑީޕީގެ އެއްވެސް އާންމު މެންބަރަކުވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި ޕާޓީން ކުރިން އިއުލާނުކޮށްފައިވާ ތާވަލާ އެއްގޮތަށް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަންޖެހޭނެކަމަށް ވިދާޅުވިއެވެ.
މީކާއިލް ވަނީ މިއީ ވަކި ބަޔަކަށް ފައިދާވާގޮތަށް އިންތިހާބުގެ ތާރީހަށް ގެންނަ ބަދަލެއްކަމަށް ތުހުމަތުކޮށް ކޮމިޓީއިން ނިންމާފައިވާ ނިންމުމަށް އިހްތިރާމް ކުރުމަށް ގޮވާލާފަ އެވެ. އަދި ވިދާޅުވީ އޭނާއާއި ޓީމު އޮތީ ޗެއާޕާސަންކަމުގެ ވޯޓަށް ތައްޔާރަށް ކަމަށެވެ.
އިންތިހާބު ބޭއްވުމަށް ބޭނުންވާ ފައިސާ ނެތްކަމަށް ބުނެ، އިންތިހާބު ފަސްކުރަން ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވަނީ ހުށަހަޅުއްވާފަ އެވެ. ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ޣަފޫރު، ޕާޓީގެ ފަންޑުގައި ފައިސާ ނެތުމުގެ ސަބަބުން މިވަގުތު އިންތިހާބެއް ބޭއްވިދާނެ ކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ޣަފޫރު ވިދާޅުވެފައިވަނީ މި ދަނޑިވަޅުގައި އިންތިހާބެއް ބާއްވައިފިނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލި، ސަރުކާރު ޖަވާބުދާރީކުރުވުމަށް ކުރާ މަސައްކަތްތަކަށް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. އެހެންކަމުން އޭނާ ވަނީ ޕާޓީ ހިންގާނެ ވަގުތީ އިންތިޒާމެއް ހަމަޖެއްސުމަށް ގައުމީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.
އިންތިހާބު ފަސްކުރަން އުޅޭ ކަމުގެ ތުހުމަތުތަކެއް ކުރެވޭއިރު، ޗެއާޕާސަން ކަމަށް މީކާއިލްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ފޯރީގައި ކެމްޕެއިން ކުރައްވަމުންނެވެ. ޕާޓީގެ ބައެއް މެންބަރުން ތުހުމަތު ކުރާ ގޮތުގައި، އިންތިހާބު ފަސްކުރުމަށް ބާރުއަޅަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުންނެވެ. މިކަމާ ހިތްހަމަނުޖެހި ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ދަނީ ގަޕޯގެ އިސްތިއުފާއަށް ވެސް ގޮވަމުންނެވެ.
މި އިންތިހާބު ފަސްކޮށްފިނަމަ، މިއީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފަސްކުރާ ދެވަނަ ފަހަރެވެ. މީގެ ކުރިން މިދިޔަ ޑިސެމްބަރު މަހުވެސް ވަނީ ލޯކަލް ކައުންސިލް އިންތިހާބަށް ފުރުސަތު ދިނުމުގެ ގޮތުން މި އިންތިހާބު ފަސްކޮށްފައެވެ.

