ދައުލަތުގެ ބާރުތައް ވަކިކުރުމަށާއި ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި މުހިންމު އިސްލާހީ ބަދަލުތަކެއް ގެންނަންޖެހޭކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ޗެއާޕާސަންކަމުގެ އިންތިހާބުގައި ވާދަކުރައްވާ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެކު ފައްޔާޒް މިވަގުތު ހުންނެވީ ޓީމާއި އެކު ތ. އަތޮޅުގަ އެވެ. އަދި މި ދަތުރުގައި ދެ ބޭފުޅުންގެ ފަރާތުން ހުށަހަޅާ ”ބޮޑު ބަދަލު“ ގެ މައުލޫމާތުތައް ދަނީ ހިއްސާ ކުރައްވަމުންނެވެ.
ދަތުރުގެ ތެރެއިން ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ އިސްލާހީ މަސައްކަތްތައް އިތުރަށް ފުރިހަމަކުރުމަކީ މިވަގުތަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. މަލްޓިޕާޓީ ޑިމޮކްރަސީގެ ސަބަބުން ރައްޔިތުންނަށް ގިނަގުނަ ހައްގުތަކާއި ތަނަވަސްކަން ލިބިފައިވީ ނަމަވެސް، ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު އެ ނިޒާމު ފުނޑުފުނޑުވެގެންދާ މަންޒަރު ފެންނަމުންދާކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ މިފަދަ ބޮޑެތި ބަދަލުތަކެއް ގެނެވޭނީ ހަމައެކަނި އެމްޑީޕީއަށްކަމަށާއި، ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާނެ އެހެން ސިޔާސީ ޕާޓީއެއް ރާއްޖޭގައި ނެތް ކަމަށެވެ. އަދި މިވަގުތު ޕާޓީގެ ތެރޭގައި ހުރި ބައިބައިވުންތައް ނައްތާލައި، ރައްޔިތުންގެ އިތުބާރާއެކު މި ބަދަލުތައް ގެނައުމުގެ ހިތްވަރާއި ކެރުން ހުރި ހަމައެކަނި ބޭފުޅަކީ ރައީސް ނަޝީދުކަމަށް ވިދާޅުވި އެވެ. އަދި ގައުމުގެ ސަލާމަތާއި، ޕާޓީ ނަގައި ކޮޅަށް ޖެހުމަށް ރައީސް ނަޝީދުގެ ބައިވެރިވުން މުހިންމުކަން ފާހަގަކުރެއްވި އެވެ.
ފައްޔާޒް ވިދާޅުވީ، ”ބޮޑު ބަދަލު“ ގައި ހިމެނޭ މައިގަނޑު ބަދަލަކީ ގާނޫނުއަސާސީން ލިބިދޭ ހައްގުތައް އުނިނުކުރެވޭނެ ގޮތަށް މާއްދާތައް އިތުރަށް ތަފްސީލުކޮށް، އެކި މީހުންނަށް އެކި ގޮތަށް މާނަނުކުރެވޭނެ ފަދަ ސާފު ނިޒާމެއް ގާއިމުކުރުމެވެ. ފައްޔާޒް ވިދާޅުވީ، ދައުލަތުގެ ތިން ބާރު ވަކިވެފައި އޮތުމުގެ އަސްލު ބޭނުމަކީ އެއް ބާރުން އަނެއް ބާރުގެ މައްޗަށް ފާރަވެރިވެ، ވެރިއަކަށް ހުންނަ މީހަކު ބޭނުންހާ ގޮތަކަށް ކަންކަން ކުރިޔަނުދީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުން ކަމަށެވެ. އަދި މި އިސްލާހީ ބަދަލުތަކަކީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތެއްގެ ގޮތުގައި ވިދާޅުވި އެވެ.
މީގެއިތުރުން ފައްޔާޒް ވިދާޅުވި ގޮތުގައި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބުމާއެކު، ފަނޑިޔާރުގެއާއި މިނިވަން މުއައްސަސާތަކުގެ ބާރު ވަނީ ކުޑަވެފައެވެ. އަދި މަޖިލީހުގެ މެންބަރުން ރައްޔިތުންގެ ދިފާއުގައި ބަސްނުބުނާކަމަށާއި، މިހާރު މިއޮތް ނިޒާމު ”ފެއިލް“ ވެފައިވާކަމަށް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ސުޕްރީމް ކޯޓަކީ ވަކި ބާރަކަށް ވީނަމަވެސް، މަޖިލީހުގެ ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ފަނޑިޔާރުން ވަކިކުރުމުގެ ބިރު އޮތުމުން، ފަނޑިޔާރުން ތިއްބަވަނީ ސަރުކާރުން ބޭނުންވާ ގޮތަށް އަމަލުކުރަން މަޖުބޫރުވެފައި ކަމަށެވެ. މިކަން ހައްލުކުރުމަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ވަކިކުރާނަމަ މަޖިލީހުގެ ނިންމުމުގެ އިތުރުން ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހުށަހެޅުމުގައިވާނެކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ގައުމީ ފެންވަރުގެ ބޮޑެތި ކަންކަން ނިންމާއިރު ރަށްރަށުގެ ކައުންސިލަރުންގެ ވޯޓު ހިމަނަންޖެހޭކަމަށް ފައްޔާޒް ވިދާޅުވިއެވެ. ކައުންސިލަރުންނަކީ ރައްޔިތުން ސީދާ ތަމްސީލުކުރަން ތިބޭ މެމްބަރުންނަށްވާއިރު، މުޅި ރާއްޖޭގެ ހުރިހާ ކައުންސިލަރުންގެ ބައިވެރިވުން އޮތުމުން ރައްޔިތުންގެ ބަސް މާ ފުޅާދާއިރާއެއްގައި ހިމެނިގެންދާނެކަމަށް ފައްޔާޒް ވިދާޅުވި އެވެ.
މިނިވަން މުއައްސަސާތަކަަށް އޮންނަ ނުފޫޒު ނައްތާލުމަށް އެންމެ ރަނގަޅު ގޮތަކީ ފައްޔާޒް ވިދާޅުވި ގޮތުގައި، މެންބަރުން ވަކިކުރުމުގެ ބާރު މަޖިލީހުން އަތުލުމެވެ. އަދި މެންބަރުން ބަލަހައްޓާނެ ވަކި މިނިވަން ކޮމިޝަނެއް އުފައްދައި، އެމީހުން ވަކިކުރެވޭނީ ރައްޔިތުންގެ ސީދާ ބަހެއް އޮވެގެން ކަމަށް ހެދުމަށް އޭނާ ގޮވާލެއްވިއެވެ.
މިފަދަ ނިޒާމީ ބަދަލުތަކަކީ ހަރަދު ބޮޑު ކަންތައްތަކެއްގެ ގޮތުގައި ބައެއް ބޭފުޅުންނަށް ފެނުނު ނަމަވެސް، މިއީ އިސްރާފުން ސަލާމަތްވުމަށް އޮތް މަގެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ވެރިއަކު ބޭނުންވުމުން، މާލީ ހާލަތު ގޯސްކޮށް ވަނިކޮށްވެސް ”ބިއްލޫރި ޓަނަލް“ ފަދަ ބޮޑެތި ހަރަދުތައް ކުރާ މަޝްރޫއުތައް ހިންގުން ހުއްޓުވޭނީ މިފަދަ ހަރުދަނާ ނިޒާމެއް އޮވެގެންކަމަށް ފައްޔާޒް ވިދާޅުވި އެވެ. އަދި ދައުލަތުގެ ދަރަނި އިތުރުކުރުމާއި، ޑެފިސިޓް ބޮޑުކުރުމާއި، ލާމަރުކަޒީ ނިޒާމަށް ބަދަލު ގެނައުން ފަދަ ކަންކަމުގައި ކައުންސިލަރުންގެ ބަސް ހޯދަންޖެހޭނެކަމަށް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ، މަޖިލީހުގެ މެންބަރުން ހޮވުމުގައި ހިނގާ ވޯޓު ގަނެވިއްކުމުގެ އަމަލުތަކުން ސަލާމަތްވެގެން މެނުވީ، ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާނެ މަޖިލީހެއް ނުލިބޭނެ ކަމަށެވެ. އަދި ވިދާޅުވީ މިއަދު ފެންނަނީ މަޖިލީހުން ރައްޔިތުންގެ ދިފާއުގައި އެއްޗެއް ނުބުނާ މަންޒަރު ކަމަށެވެ.
ކޮރަޕްޝަން މުޅިން ނައްތާނުލެވުނަސް، އެކަން މަދުކުރުމަށްޓަކައި ހުށަހެޅުންތަކެއް ހުރިކަން ފާހަގަކުރައްވަމުން ފައްޔާޒް ވިދާޅުވީ ދައުލަތުގެ މުއްސަނދިކަން ހިމާޔަތްކުރުމަށްޓަކައި ސަރުކާރުގެ ކުންފުނިތައް ސަރުކާރުގެ ބާރުގެ ދަށުން ބޭރުކޮށްލަން ޖެހޭ ކަމަށެވެ.

