މީޑިއާތަކަކީ މާލީގޮތުން މިނިވަން އަދި ބާރުވެރި ތަންތަނަށް ހެދުމަކީ މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގ ކޮމިޝަން (އެމްބީސީ) ގެ މުހިންމު އަމާޒެއް ކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ.
އެ ކޮމިޝަނުން މިހެން ބުނެފައި މިވަނީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ނެރުނު ބަޔާނުގައެވެ.
މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ 108 ވަނައިގައި އޮތްއިރު، މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ބަދަލުތަކެއް އައިސްފައިވާ ދަރަޖައެއްކަން އެމްބީސީން ފާހަގަކުރެއެވެ. އެ ކޮމިޝަނުން ބުނީ ގޮތުގައި ރާއްޖޭގެ ދަރަޖަ މިއަށްވުރެ މަތީ ހަރުފަތަކަށް ގެންގޮސް، ނޫސްވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޔުނެސްކޯއިން މިއަހަރުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ ”ސުލްހަވެރި މުސްތަގުބަލެއް ބައްޓަންކުރުން: އިންސާނީ ހައްޤުތަކާއި، ތަރައްޤީއާއި ސަލާމަތަށްޓަކައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުން“ މި ޝިއާރެވެ.
މި ޝިއާރަށް އަލިއަޅުވާލަމުން އެމްބީސީން ބުނީ ނޫސްވެރިކަމުގެ މިނިވަންކަމަކީ ހަމައެކަނި ލިޔެލާ ލިޔުމެއް ނޫން ކަމަށާއި، އެއީ މުޖުތަމައުގެ ސުލްހައިގެ ދަންމަރެއްގެ އިތުރުން އިންސާނީ ހައްޤުތަކުގެ ދިފާއީ އައްޑަނައެއް ކަމަށެވެ. އަދި ނޫސްވެރިންނަކީ ދައުލަތް ޖަވާބުދާރީ ކުރުވައި، ރައްޔިތުން ބާރުވެރިކުރުވުމުގައި މަސައްކަތްކުރާ 4 ވަނަ ބާރުކަމަށްވެސް ފާހަގަކުރިއެވެ.
މީޑިއާގެ މުސްތަޤުބަލު އައު ހަރުފަތަކަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އައު ސުލޫކީ މިންގަނޑެއް އެކުލަވާލުމާއި، މީޑިއާއާއި ގުޅޭ އައު ގަވައިދުތަކާއި އުސޫލްތައް ހެދުމުގެ މަސައްކަތް ކުރަމުންދާކަން އެމްބީސީން ފާހަގަކުރެއެވެ. މީގެ އިތުރުން، ނޫސްވެރިންގެ ރައްކާތެރިކަމާއި ޒަމާނީ ތަމްރީނުތައް ހޯދައިދިނުމަކީވެސް އެ ކޮމިޝަނުން އެންމެ އިސްކަންދޭ ކަންކަމެވެ.
ނޫސްވެރިކަމުގެ މިނިވަންކަމާއެކު ބޮޑެތި ޒިންމާތަކެއްވާކަން ފާހަގަކުރައްވައި އެމްބީސީން ބުނެފައި ވަނީ މަޢުލޫމާތު ފެތުރުމުގައި ކޮމިޝަނުން ކަނޑައަޅާފައިވާ އަޚުލާގީ މިންގަނޑުތަކަށް ބޯލެނބުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ނޫސްވެރިންނާއި މީޑިއާތަކަށް ދިމާވާ ގޮންޖެހުންތައް ކަނޑައްތުކުރުމުގައްޔާއި، މިނިވަންކަން ކަށަވަރުކޮށްދިނުމުގައި އެ ކޮމިޝަނުން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ވަނީ އަރުވާފައެވެ.

