ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިމާރާތްކުރި ފްލެޓްތަކަށް ރަށްވެހިންގެ ރަޖިސްޓަރީ ހައްދައިނުދެވޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނަމުންދަނީ ސަރުކާރަށް އުނދަގޫކޮށް ރައްޔިތުންނާއި ސަރުކާރާ ޖެއްސުމަށް ކަމަށާއި، އެކަމުގައި ސިޓީ ކައުންސިލަށް އެއްވެސް ހަރަހެއް ނެތް ކަމަށް ހައުސިން، އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން ދައްކާ ވާހަކަތަކަކީ އެއްވެސް އުސޫލެއްގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކައެއް ނޫން ކަމަށެވެ. އަދި އެކަމުގައި އެއްވެސް ޤާނޫނީ ހުރަހެއް ނެތް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން މިހާތަނަށް ސޯޝަލް ހައުސިންގް މަޝްރޫއުތައް ދީފައިވަނީ ”ސޭލް އެންޑް ޕާރޗޭސް“ އެގްރީމަންޓެއްގެ ދަށުން ކަމަށާއި، މިހާރު ހަމައެކަނި ބަދަލުވީ އެގްރީމަންޓްގެ ޓެކްނިކަލް ޓާމްސްތައް ކަމަށެވެ. އެގޮތުން ކުރިން އޮތް ”ސޭލްސް އެންޑް ޕާރޗޭސް“ މޮޑެލް މިހާރު ބަދަލުވެފައިވަނީ ”ރެންޓު އޯން މޮޑެލް“ އަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ރެންޓު އޯން މޮޑެލްއާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، އޭގެ މާނައަކީ އެތަނުގެ ކުލި ބަރާބަރަށް ދެއްކީމައި އެތަނެއް އަމިއްލަ މިލްކަކަށް ވުން ކަމަށެވެ.
”ރެންޓު އޯން މޮޑެލްގެ މާނައަކީ އެމީހަކު އެތަނެއްގެ ކުލި ވިހި ފަންސަވީސް އަހަރަށް ދެއްކީމައި އެތަނެއް އެމީހެއްގެ އަމިއްލަ ތަނަކަށް ވާނޭ،“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި އެއްވެސް ފްލެޓެއްގެ މިލްކުވެރިކަމުގެ ރަޖިސްޓްރީ ހަދައިދެނީ ތަނަށް ދައްކަންޖެހޭ ފައިސާ ދައްކާ ނިމުމުންނެވެ. ސޭލް އެންޑް ޕާރޗޭސްގެ ދަށުން ފްލެޓެއް ދޫކުރާއިރުވެސް، އެތަނަށް ފައިސާ ދައްކާ ނުނިމެނީސް މިލްކުވެރިކަމުގެ ރަޖިސްޓްރީއެއް ހަދައިނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މިހާރު އޮތް މޮޑެލްގެ ދަށުން ރަށްވެހިންގެ ރަޖިސްޓްރީ ހަދައިނުދެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި މައްސަލައިގައި ސިޓީ ކައުންސިލުން އަމަލުކުރަމުންދާ ގޮތަށް މިނިސްޓަރ ވަނީ ފާޑުވިދާޅުވެފައެވެ،
”ރަށްވެހިންގެ ރަޖިސްޓަރީ ހައްދައިނުދެވޭނެ ކަމަށް ސިޓީ ކައުންސިލުން އެބުނަނީ ސަރުކާރަށް އުނދަގޫކޮށް ރައްޔިތުންނާއި ސަރުކާރާއި ޖެއްސުމަށް. މިއީ އެއްވެސް ގޮތަކަށް ސަރުކާރުގެ ޕޮލިސީއެއްގެ ދަށުން ކުރާކަމެއް ނޫން،“
މިކަމަކީ ޤާނޫނީ ގޮތުން ބެލިއަސް އެއްވެސް ހުއްޖަތެއް އޮތް ކަމެއް ނޫން ކަމަށް މިނިސްޓަރު ތަކުރާރުކުރެއްވިއެވެ.

