އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް އެ ޕާޓީން ނެރުނު ޓައިމްލައިން ބާތިލު ކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ޓީމުން ކަމަށް ބުނާ ވާހަކަތައް އެ ޓީމުން މިއަދު ދޮގުކޮށްފިއެވެ.
މި މައްސަލައަކީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ނެރުނު ޓައިމްލައިންއެއް ކަމަށް ބުނެ ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު އަމިއްލަ ހައިސިއްޔަތުން ހުށަހެޅުއްވި މައްސަލައެއް ކަމަށް ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން ބުނެއެވެ.
ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެމްޑީޕީގެ މައްޗަށް ދައުވާކޮށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ އެ ޓީމުގެ ފަރާތުން ހުށަހެޅި މައްސަލައެއް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
”މި ބާވަތުގެ ދޮގު ވާހަކަ ފެތުރުމަކީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކަށް އޮންނަ އިތުބާރު ގެއްލޭނެ ކަމެކެވެ. އަދި ޕާޓީގެ އެތެރޭގެ މަސްލަހަތަށް ހިޔަނި އެޅޭނެ ކަމެކެވެ،“ ބަޔާނުގައި ބުނެފައިވެއެވެ.
ޝާއިރު ކޯޓަށް ހުށަހެޅުއްވި މައްސަލަ ބިނާކޮށްފައިވަނީ މައިގަނޑު ދެ ކަމެއްގެ މައްޗަށެވެ. އެއީ އެމްޑީޕީގެ އަސާސީ ގަވާއިދުގެ 46 ވަނަ މާއްދާއާ ހިލާފަށް، އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސްގެ އެއްވެސް އިރުޝާދެއް ނެތި އިންތިހާބާ ބެހޭ ކޮމިޓީން އަމިއްލަ ގޮތްތަކެއް ނިންމައިގެން އިންތިހާބު އިންތިޒާމު ކުރަމުންދާ ކަމަށް ބުނާ މައްސަލައާއި، ޕާޓީގެ ލީޑަޝިޕާއި ކޮމިޓީން އަސާސީ ގަވާއިދަށް ފުރިހަމައަށް އަމަލުކުރުމަށް އަމުރުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައެވެ.
ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން ބުނި ގޮތުގައި އެ ޓީމުން އެދެނީ ވީހާވެސް އަވަހަށް ވޯޓުލުމުގެ ފުރުސަތު އެމްޑީޕީގެ އާންމު މެމްބަރުންނަށް ލިބުމެވެ. އަދި ޕާޓީގެ މަގާމުތަކާއި ނިންމުންތަކުގެ އިތުބާރާއި ސައްހަކަން ލިބިދެވޭނީ އިންތިހާބުތަކުން ކަމަށް ދެކޭ ކަމަށްވެސް އެ ޓީމުން ބުނެއެވެ. ކެމްޕޭންގެ ފަރާތުން ހިންގާ ހަރަކާތްތަކާއި ނިންމާ ނިންމުންތައް ގަވާއިދުން އާންމު ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަންވެސް ވަނީ ދީފައެވެ.
މި މައްސަލައާ ގުޅިގެން، ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވަނީ ފާޑުވިދާޅުވެފައެވެ. މީކާއިލް ވިދާޅުވީ އިންތިހާބުގެ ޓައިމްލައިން ބާތިލުކުރަން ކޯޓަށް ދިއުމަކީ އެމްޑީޕީގެ އަސާސީ ސިފަތަކާ ވަރަށް އިދިކީލި އަދި ބީރައްޓެހި އަމަލެއް ކަމަށެވެ.

