ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް މަގުމަތީގެ ހަރަކާތްތައް ހިންގާ ޕާޓީތަކާ މެދު ފިޔަވަޅު އެޅުމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ސަރުކާރާއި އިދިކޮޅު ސިޔާސީ ޕާޓީތަކުން މާލޭގައި ކުރިއަށް ގެންދާ މުޒާހަރާތަކަކީ ގާނޫނާ ހިލާފު ހަރަކާތްތަކެއް ކަމަށް ބުނެ، އެކަންކަން ހުއްޓުވައި ފިޔަވަޅު އެޅުމަށް ގޮވާލައި ޕީއެންސީ ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅާފަ އެވެ. ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި ގަރާރުގައި ވަނީ، ބައެއް ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކުގެ ސަބަބުން މުޖުތަމައުގެ މަސްލަހަތު ގެއްލި، މާލޭގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނަކަށް އިންތިހާއަށް ދަތި އުނދަގޫތަކާ ކުރިމަތިވަމުންދާ ކަމަށެވެ.
ވަކި ޕާޓީއެއްގެ ނަން ގަރާރުގައި ބަޔާންކޮށްފައި ނުވި ނަމަވެސް، މިދުވަސްވަރު މާލޭގައި ސިލްސިލާކޮށް މުޒާހަރާ ކުރަމުންދަނީ އިދިކޮޅު އެމްޑީޕީ އާއި ޕީއެންއެފް އިންނެވެ. ހާއްސަކޮށް ޕީއެންއެފްގެ ހަރަކާތްތައް އިޖްތިމާއީ މިންގަނޑުން ބޭރުވުމުގެ ސަބަބުން، އެއްވުންތައް ލައިވް ބްރޯޑްކާސްޓު ކުރުން ވެސް ވަނީ ހުއްޓުވާފަ އެވެ.
މި ގަރާރުގެ ބަހުސްގައި ފަލާހު ވިދާޅުވީ، ރާއްޖެއަށް މިއަދު އައިސްފައިވާ ނޭދެވޭ ސިޔާސީ ބަދަލުތަކުގެ އެންމެ ބޮޑު ޒިންމާއެއް އުފުލަންޖެހޭނީ އެމްޑީޕީން ކަމަށެވެ. އެ ޕާޓީ އުފެދުނީއްސުރެ ގައުމަށް ގެނެސްފައިވަނީ ނުރަނގަޅު އަދި ނުބައި ބަދަލުތަކެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ފަލާހު ވިދާޅުވީ، ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓުގައި އެމްޑީޕީން ”ފްރީ ވިޕެއް“ ނެރުނު ނަމަވެސް، އެ ބޭފުޅުން ބޭނުންވި ގޮތަށް ވޯޓު ދިން 12 މެންބަރަކަށް ސޯޝަލް މީޑިއާގައި ކުރިމަތިވި ފިއްތުންތަކުން އެނގެނީ އެ ބޭފުޅުންނަށް އެ ޕާޓީގެ ތެރޭގައި އެއްވެސް މިނިވަންކަމެއް ނެތް ކަމަށެވެ.
ފަލާހު ވިދާޅުވީ، ޕީއެންސީއަކީ މިއަދު ރާއްޖޭގައި އެންމެ ގިނަ މެންބަރުން ތިބި ޕާޓީ ކަމަށެވެ. އަދި މެންބަރުން އިތުރުވަމުންދަނީ އެ ބޭފުޅުންގެ އަމިއްލަ އިހުތިޔާރުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރަށް އޮތް ތާއީދެއްގެ ބޮޑުކަމުންކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ވެރިކަމުގައި ރަށްރަށުގައި ކުރިއަށްގެންދިޔަ މަޝްރޫއުތަކަށް ފާޑުކިއުން އަމާޒުކޮށް ފަލާހު ވިދާޅުވީ، ފެނާއި ނަރުދަމާގެ ނިޒާމުތައް ގާއިމުކޮށްފައިވަނީ ފެންވަރުދަށް ތަކެތި ބޭނުންކޮށްގެންކަމަށާއި، ދެ އަހަރު ނުވަނީސް ގިނަ ރަށްރަށުގެ ހޮޅިތައް އަލުން އަޅަން ޖެހިފައިވާ ކަމަށެވެ. މިއީ ދައުލަތުގެ ބަޖެޓުން ކުރި ބޮޑު އިސްރާފެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މިފަދަ ސިޔާސީ ޕާޓީތަކަކީ ރައްޔިތުންގެ މަންފާއަށް، ރައްޔިތުންގެ ކުރިއެރުމަށް އެއްވެސް ވިސްނުމެއް ގެންގުޅެފައިވާ ޕާޓީއެއް ނޫންކަމަށް ފަލާހު ވަނީ ވިދާޅުވެފަ އެވެ. ފަލާހު ވިދާޅުވީ އެމްޑީޕީ މިއަދުވެސް ވިސްނަނީ، ގައުމުގެ އަމާންކަން ނަގާލައި މަގުމަތި ހަލަބޮލި ކުރެވޭނެ ގޮތަކާއި މެދު ކަމަށެވެ. ޕާޓީގެ އެތެރޭގައި އިންތިހާއަށް ބޮޑެތި މައްސަލަތައް އޮތް އިރު، އެކަކު އަނެކެއްގެ މައްޗަށް ކުރިއެރުން ހޯދުމަށް ކުރާ މަސައްކަތް އަދިވެސް ހުއްޓުމަކަށް ނާންނައިރު، ރައްޔިތުންގެ ހައްގުގައި އެފަދަ ބަޔަކު ވިސްނާނެތޯ ފަލާހު ސުވާލު އުފެއްދި އެވެ.
ސަރުކާރާއި ދެކޮޅަށް މާލޭގެ މަގުތަކުގައި ކޮންމެ ރެއަކު ސިލްސިލާ މުޒާހަރާތައް ކުރިޔަށް ގެންދާތީ، ފަލާހު ވިދާޅުވީ މިއީ އާންމު ރައްޔިތުންގެ ދިރިއުޅުމަށް ދަތި ކުރުންކަމަށެވެ. ބައެއް އިހުތިޖާޖުތަކުގެ އަހުލާގީ ފެންވަރު އިންތިހާއަށް ދަށްއިރު، އިޖްތިމާއި މިންގަނޑުން ބޭރުވެ ހަރަކާތްތައް ގެންދާކަން ފަލާހު ފާހަގަ ކުރެއްވި އެވެ. އެއަށް ފަހު ޕީއެންއެފްގެ އިހުތިޖާޖުތަކާއި ގުޅުވައި ފަލާހު ވިދާޅުވީ، އުފެއްދިތާ އެތައް ދުވަހެއް ފަހުން ވެސް ޕާޓީއަށް 3000 މެމްބަރުން ހަމަ ނުކުރެވޭ ކަމަށެވެ.
ދަފްތަރުގައި މަދު މެމްބަރެއް ހިމެނޭ ޕާޓީއަކުން މަލޭގެ މަގުތަކަށް ނިކުމެ ހަލަބޮލި ކުރަމުންދާއިރު، އެ ހަރަކާތްތަކުގައި ސީދާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތިއުފާއަށް ވެސް ގޮވޭ ފަހަރުތައް ދިމާވާކަމަށް ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލަށް އުނިކަން އަންނަ މިންވަރަށް މަގުމަތީގެ ހަރަކާތްތައް ހިންގާ ޕާޓީތަކާ މެދު ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނަށް ލާޒިމްވާ ކަމަށެވެ. އަދި އެފަދަ ފިޔަވަޅު އެޅުމުގެ ގާބިލްކަން ނެތް ނަމަ، އެ ކޮމިޝަނުގެ ވެރިން އަމިއްލަފުޅަށް އިސްތިއުފާ ދޭންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނަށް ލާޒިމްވާނެ ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން އެ ސިޔާސީ ޕާޓީތަކުން ދިވެހިރާއްޖޭގެ މިނިވަންކަމާ ސިޔާދަތާ އިސްތިގްލާލް ގެއްލޭ މިންވަރަށް ސިޔާސީ ޕާޓީތަކުން ނުކުމެ މަގުމަތީގެ ހަރަކާތްތަކާ ގާނޫނާ ހިލާފަށް ހިންގާކަމަށް ވަންޏާ. ފިޔަވަޅު ނޭޅޭ ކަމަށްވަންޏާ އެތަންތަން ވެރިން ޖެހޭނީ އިސްތިއުފާދީ ވަޑައިގަންނަވަން. އިސްތިއުފާ އަމިއްލަފުޅަށް ދީ ވަޑައިގަންނަވަން ޖެހޭނީ. އެ ކެޕޭސިޓީ އެ ކުޅަދާނަކަން އެ ގާބިލްކަން ނެތްކަމަށް ވަންޏާ އެތަންތަން ވެރިކަމާ އެތަންތަން ވެރިންގެ ގޮތުގައި ތިބެގެން ނުވާނެ.
ފުލުހުންގެ މުއައްސަސާއަށާއި އެހެނިހެން މުއައްސަސާތަކަށް ދައުލަތުން ބޮޑެތި ބަޖެޓުތައް ފާސްކޮށްދެނީ ރައްޔިތުންގެ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްކަމަށް ފަލާހު ފާހަގަކުރެއްވިއެވެ.
ފަލާހު ވިދާޅުވީ، އެ ޕާޓީގައި ގާނޫނީ އަދަދު ކަމަށްވާ ތިންހާސް މެންބަރުންވެސް ހަމަނުވާ ކަމަށެވެ. އަދި ޕީއެންއެފްގެ ހަރަކާތްތަކުގައި ރައީސް ޔާމީން އިސްކޮށް ހުންނަވާއިރު، އެއީ ޕާޓީގެ ހަރަކާތެއް ނޫންކަމަށް ވިދާޅުވުމަކީ ހިތާމަވެރިކަމެއް ކަމަށް ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި ޕީއެންސީގެ މެމްބަރުން ވަނީ، ޕީއެންއެފްއަށް ފިޔަވަޅު އަޅަން ގޮވާލާފަ އެވެ. އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ހިލާފަށް ހަރަކާތް ހިންގާނަމަ، އެފަދަ ޕާޓީތައް އުވާލަން ޖެހޭކަމަށް ވެސް ވިދާޅުވި އެވެ.

