ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސްްރީލަންކާގެ ކޮލަމްބޯގައި މިއަދު ބޭއްވި މިފްކޯގެ އުފެއްދުންތައް ތަޢާރަފުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.
މި ރަސްމިއްޔާތަކީ ރައީސުލްޖުމްހޫރިއްޔާ މިހާރު ސްްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ހަރަކާތެކެވެ. މި ހަފްލާގައި މިފްކޯގެ އަގު އެއްކުރި މަހުގެ އުފެއްދުންތަކުގެ އައު ލައިން އިފްތިތާޙުކޮށް، އެ ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ދިވެހި ސަގާފީ ”މާލަފަތެއް“ ދައްކާލާފައިވެއެވެ.
މި ރަސްމިއްޔާތުގައި ސްްރީލަންކާގެ މިނިސްޓަރ އޮފް ޓްރޭޑް، ކޮމާސް، ފުޑް ސެކިއުރިޓީ އެންޑް ކޯޕަރޭޓިވް ޑިވެލޮޕްމަންޓް، ވަސަންތަ ސަމަރަސިންހަ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް އިސްތިރާޖީ ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް މިފަދަ މަސައްކަތްތަކުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ރަސްމިއްޔާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ އުފެއްދުންތައް ދައްކާލުމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދަށް ޒިޔާރަތްކުރައްވައި، ބްރޭންޑުގެ ދަށުން ބޭރުގެ ބާޒާރަށް ނެރޭ އުފެއްދުންތައް ބައްލަވާލައްވާފައެވެ. އަދި އެ ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ބައެއް ކާނާގެ ބާވަތްތަކުގެ ރަހަ އެމަނިކުފާނު ބައްލަވާލެއްވިއެވެ.
މި ހަރަކާތަކީ ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ބައިނަލްއަޤްވާމީ ބާޒާރުގައި، ޚާއްޞަކޮށް އަވަށްޓެރި ސްްރީލަންކާގައި ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

