އަޒުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، އެމްޑީޕީއަކީ މުޅި ދުނިޔަށް ވިދާލާ ޕާޓީއެއްގެ ގޮތުގައި ހެދުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ނަޝީދު ވިދާޅުވީ، ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި އޮވެ 2028 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ހިންގުމާ ހަވާލުވާން އެ މަނިކުފާނު ބޭނުންފުޅުވަނީ 2028 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރެއް އުފެއްދުމަށް ކަމަށެވެ.
”…އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ. އެ މަސައްކަތަކީ މި ޕާޓީ ވަރަށް ރަނގަޅަށް ދަންނަ މަސައްކަތެއް. އެމްޑީޕީގެ ޗެއާޕާސަނަކަށް ހުރެ އެ މަސައްކަތް އެ ދަތުރު އަޅުގަނޑުމެން އެންމެންނަށް ކުރެވޭނެ،“ ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީން ދުނިޔެއަށް ދައްކައިދޭންޖެހޭ މުހިންމު ނަމޫނާއެއް އެބައޮތެވެ. އެއީ ސުލްހަވެރި ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ހުދުމުހުތާރު ވެރިކަން ބަދަލުކުރާނެ ގޮތެވެ. ރާއްޖެއަކީ އޭގެ މިސާލެއް ކަމަށް ވިދާޅުވެ، 2028 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބުކޮށް އެމްޑީޕީއަކީ މުޅި ދުނިޔެއަށް ވިދާލާނެ ޕާޓީއަކަށް ހައްދަވާނެ ކަމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ.
މިހާރު އޮތް ގާނޫނުއަސާސީއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، މިހާރުގެ ގާނޫނުއަސާސީއަކީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ބާރުތައް އެންމެ ކުޑަމިންވަރަކަށް ދޫކޮށްލައިގެން ލިޔެފައިވާ އެއްޗެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާއަށް އިންތިހާއަށް ބާރުތައް ލިބިފައިވާ ކަމަށާއި، އެ ބާރުތަކުގެ ބޭނުން ނާޖައިޒު ގޮތުގައި ހިފަމުންދާ ކަމަށްވެސް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.
މި ބަދަލުތައް ގެނައުމަށްޓަކައި ވެރިކަން ހިންގާ ނިޒާމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހޮވާ ގޮތުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރާ ގޮތަށް ބަދަލު ގެންނަން ނަޝީދު ވަނީ ހުށަހަޅުއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އަލުން ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތީ ރައްޔިތުންގެ ހާލަތު ރަނގަޅުކޮށް، ހައްގުތައް ކަށަވަރުކޮށްދިނުމަށް ކަމަށެވެ.
ރޭ އެމްޑީޕީ ޖަގަހައިގައި ބޭއްވި މި ޖަލްސާއަށް ފަހު، ގިނަ އަދަދެއްގެ ޒުވާނުންނާއި ސަޕޯޓަރުންނާ އެކު ނަޝީދު ވަނީ މަގުމަތީގައި ހިނގާލުމެއް ބާއްވާފައެވެ. މި ހަރަކާތުން ފެނިގެންދިޔައީ ޕާޓީގެ އާންމު މެންބަރުންގެ މެދުގައި އޮތް ފޯރި އާއި ޖޯޝެވެ.

