ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރިޖުގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިމި ތިލަފުއްޓާއި ގުޅާލެވޭނެ: މުއްތަލިބް

ތިލަމާލެ ބްރިޖުގެ މަސަްކަތުގެ ތެރެއިން ފޮޓޯ މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް ކުރިއަށްގެންދާ ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށާއި، އަންނަ އަހަރުގެ ނިޔަލަށް ބްރިޖު އެއްކޮށް ތިލަފުއްޓާ ހަމައަށް ގުޅާލެވޭނެ ކަމަށް އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ބްރިޖުގެ މަސައްކަތް ބައްލަވާލެއްވުމަށް ވިލިމާލެ ސައިޓަށް ކުރެއްވި ޒިޔާރަތަށްފަހު މިނިސްޓަރު ވަނީ ބްރިޖުގެ ކޮލިޓީއާ މެދު އެއްވެސް ޝައްކެއް ނެތް ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މިނިސްޓަރު މުއްތަލިބް ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ އިންޑިއާ ސަރުކާރާއި މަޝްރޫއުގެ ކޮންޓްރެކްޓަރު އެފްކޮންސްއާ ގުޅިގެން، މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންގޮސް ވީހާވެސް އަވަހަށް ނިންމާލުމެވެ. މިހާރު ކުރިއަށްދާ ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށްދާ ނަމަ، އެންމެ ލަސްވެގެން 2027 ވަނަ އަހަރުގެ ނިޔަލަށް މުޅި މަޝްރޫއު އެއްކޮށް ނިންމާލެވޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ސޯޝަލް މީޑިއާގައި ބްރިޖުގެ ބައެއް ދިމާލުގައި ބެންޑުތަކެއް ނުވަތަ އަޑިގުޑަންތަކެއް ހުރި ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކަށް މިނިސްޓަރު ވަނީ ރައްދު ދެއްވާފައެވެ. މިނިސްޓަރު ވިދާޅުވީ ދުރުން ފެންނަ ފެނުމަކީ ”އިލޫޝަނެއް“ ކަމަށާއި، ބްރިޖަކީ ވަރަށް ބޮޑަށް އިންޖީނިއާ ކުރެވިގެން ކުރިއަށްދާ މަސައްކަތެއް ކަމަށެވެ.

”މިއީ ކުރަހާފައި އޮތް ބްރިޖެއް ނޫނޭ، މިއީ ޑިޒައިންކޮށްފައި، އިންޖީނިއާކޮށްފައި އޮތް ޕްރޮޖެކްޓެކޭ. އެ ބުނާ ކަހަލަ ޑިޕެއް ނުހުންނާނެ. މިއީ ލެގޯއެއް ގޮތަށް ވަކިވަކި ބައިތަކެއް ގެނެސް ގުޅުވާ ސްޓްރަކްޗާއަކަށް ވާތީވެ، އެ ބުނާ ކަހަލަ ޑިފެކްޓް ހުރި ނަމަ ހުރިހާ ސެގްމަންޓެއް އެއްވަރު ވެގެނެއް ނުއެއް ދާނެ،“ މިނިސްޓަރު ވިދާޅުވިއެވެ.

މި މަޝްރޫއުގެ 72 ޕަސެންޓު މަސައްކަތް މިހާރު ނިމިފައިވާއިރު، މިނިސްޓަރު ވިދާޅުވީ ބްރިޖު ނިމިގެންދާއިރު މިއީ އިންޖީނިއަރިންގެ ގޮތުން ފާހަގަކޮށްލެވޭ ފެންވަރުގެ މަސައްކަތަކަށް ވާނެ ކަމަށެވެ. މި މަސައްކަތް ބައްލަވާލެއްވުމުގައި މިނިސްޓަރުގެ އަރިހުގައި އިންޑިއާގެ ހައި ކޮމިޝަނަރު މުނޫ މަހާވަރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: