އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތުތައް ހިމާޔަތްކުރުމަށާއި، ރާއްޖޭގެ ސައިބާ ސެކިއުރިޓީ ވަރުގަދަކުރުމަށްޓަކައި މުހިންމު ބިލްތަކެއް ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރަށް ހުށަހެޅުމަށް ތައްޔާރުވެފައިވާކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވަނީ، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާ ބައެއް ބިލުތަކުގެ މައުލޫމާތުތައް ދެއްވާފަ އެވެ.
ބިލުތަކާއި ގުޅޭ މައުލޫމާތު ދެމުން އުޝާމް ވިދާޅުވީ ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލު ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި މަޖިލީހަށް ފޮނުވުމަށް ތައްޔާރުވެފައިވާ ކަމަށެވެ.
އުޝާމް ވިދާޅުވި ގޮތުގައި މި ބިލުގެ މައިގަނޑު އަމާޒަކީ ރައްޔިތުންގެ ޒާތީ މައުލޫމާތު އެއްކުރުމާއި، އެ މައުލޫމާތުތައް ގެންގުޅުމުގައި އަމަލުކުރާނެ ހަރުދަނާ އުސޫލުތަކެއް ގާއިމްކުރުމެވެ.
މި ބިލު ގާނޫނަކަށް ވުމުން ޒާތީ މައުލޫމާތު އެއްކުރާ ފަރާތްތަކުން ޖަވާބުދާރީވާންޖެހޭނެ ފަދަ ހާމަކަން ބޮޑު ނިޒާމެއް އުފެދިގެންދާނެކަން ފާހަގަކުރައްވައި އުޝާމް ވިދާޅުވީ، މައުލޫމާތުގެ ވެރިފަރާތަށް ލިބިގެންވާ ހައްގުތަކާއި، އެ މައުލޫމާތު ޕްރޮސެސްކުރާ އިދާރާތަކުގެ މަސްއޫލިއްޔަތުތައް މި ގާނޫނުގެ ދަށުން ސާފުކޮށް ކަނޑައެޅިގެންދާނެ ކަމަށެވެ.
މި ބިލަކީ ފަންނީ މާހިރުންނާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ ލަފަޔާއެކު އެކުލަވާލާފައިވާ ބިލެއްކަމަށް އުޝާމް ވިދާޅުވިއެވެ.
މީގެ އިތުރުން، ދެން ހުށަހެޅުމަށް ތައްޔާރުވެފައި ވަނީ ”މޯލްޑިވްސް 2.0“ ސިޔާސަތުގެ ދަށުން ސައިބާ ސެކިއުރިޓީގެ ބިލެކެވެ. މި ބިލުގެ ދަށުން ރާއްޖޭގައި މި ދާއިރާއަށް ހާއްސަ ”ސައިބާ ސެކިއުރިޓީ އެޖެންސީ“ އެއް އުފެއްދުމަށް ހުށަހަޅާނެކަމަށް އުޝާމް ވިދާޅުވިއެވެ.

