ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ސިޓީގައި ބިޒްނަސް ފޯރަމެއް މި މަހުގެ 13 އަދި 14 ވަނަ ދހުވަހު ބާއްވަނީ

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގެ އިޤްތިޞާދު ފުޅާކޮށް، ވިޔަފާރީގެ ފުރުޞަތުތައް އިތުރުކުރުމަށްޓަކައި ސަރުކާރުން މުހިންމު މަސައްކަތްތަކެއް ފަށަން ނިންމައިފިއެވެ. މީގެ ތެރޭގައި އައްޑޫގައި ބާއްވާ ބޮޑު ބިޒްނަސް ފޯރަމަކާއި، ހިތަދޫ ޕޯޓް ސަރަޙައްދުގައި ތަރައްޤީކުރާ ފްރީ ޒޯން މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ފެށުން ހިމެނެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނަމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދީ ތަޞައްވުރުގެ ދަށުން، 2027 އިން 2029 އަށް އައްޑޫ ސިޓީގެ ވިޔަފާރިތަކަށް ޚާއްޞަ ފުރުޞަތުތަކާއި އިނާޔަތްތަކެއް ދިނުމަށް ސަރުކާރުން ރާވާފައިވާ ކަމަށެވެ.

މީގެ ދަށުން ބާއްވާ ބިޒްނަސް ފޯރަމް އޮންނާނީ އަންނަ މެއި މަހުގެ 13 އަދި 14 ގައެވެ. މި ފޯރަމްގައި އައްޑޫ ސިޓީގެ ވިޔަފާރިވެރިންގެ އިތުރުން މާލޭގެ އެކި ދާއިރާތަކުގެ ވިޔަފާރިވެރިންނާއި ސިނާޢީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވާނެއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ މުޅި ރާއްޖޭގައި ވިޔަފާރިތައް ފުޅާކުރުމަށް މަގުފަހިކޮށްދިނުމާއި، އިންވެސްޓްމަންޓް ފުރުޞަތުތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމެވެ. މީގެ އިތުރުން ސަރުކާރުން ވިޔަފާރިވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަކީވެސް މި ފޯރަމްގެ މަޤްޞަދެކެވެ.

މި އިވެންޓަކީ ހަމައެކަނި އިޤްތިޞާދީ މަޝްވަރާތަކަށް ހާއްސަ އިވެންޓެއް ނޫން ކަމަށާއި، މަސައްކަތްތެރިންނާއި، ޓެކްނޮލޮޖީއާއި، އިދާރީ ޚިދުމަތްތަކުގެ އިތުރުން މުއައްސަސާތަކުގެ އެހީތެރިކަމާ ގުޅޭ މަޢުލޫމާތުވެސް މި ފޯރަމްގެ ތެރެއިން ލިބޭނެ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ. މި ފޯރަމްގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ އިތުރުން ސަރުކާރުގެ ގިނަ މުއައްސަސާތަކަކުން ބައިވެރިވާނެއެވެ.

ސަރުކާރުން ބުނީ ގުޅުންހުރި ހުރިހާ މުއައްސަސާތަކެއް އެއް ޕްލެޓްފޯމަކަށް ގެނައުމުން، ވިޔަފާރިވެރިންނަށް ބޭނުންވާ މަޢުލޫމާތާއި ޚިދުމަތްތައް އެއްތަނަކުން ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިތުރަށް ވިދާޅުވީ، ހިތަދޫ އެމް.ޕީ.އެލް ކޮމާޝަލް ޕޯޓް ފްރީ ޒޯން މަޝްރޫޢުގެ ”ޕައިލެޓް“ މަސައްކަތްތައް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އާ ގުޅިގެން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

މި ފްރީ ޒޯން މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ދެކުނުގައި ވިޔަފާރިއާއި، ޝިޕިންގ، ލޮޖިސްޓިކްސް އަދި އިންވެސްޓްމަންޓްތަކަށް ބޮޑު ކުރިއެރުމެއް ލިބި، ވަޒީފާގެ އާ ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.

ސަރުކާރުން މިކަން ސިފަކުރަނީ އިޤްތިޞާދީ މަސައްކަތްތައް ލާމަރުކަޒީކޮށް، އައްޑޫ ސިޓީއަކީ ރާއްޖޭގެ އިޤްތިޞާދީ އަދި ވިޔަފާރީގެ މައި ހަބަކަށް ހެދުމަށް ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ މުހިންމު ފިޔަވަޅެއްގެ ގޮތުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: