ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރު.ޓީ.އައި ނިޒާމު ނަހަމަގޮތުގައި ބޭނުންކުރާކަމުގެ ކަންބޮޑުވުން ސަރުކާރުން ފާޅުކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ޙުސައިން ޝަރީފް (މުންދު) ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީ
ޝެއާރކޮށްލާ ކަހަލަދޯ؟

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ (އާރު.ޓީ.އައި) ދަށުން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭގޮތުން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ވާހަކަފުޅު ދައްކަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އާރު.ޓީ.އައި ނިޒާމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މުންދު ވަނީ މި ނިޒާމު ހިންގުމުގައި ދިމާވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވާފައެވެ.

މި ބައްދަލުވުމުގައި ނޫސްވެރިޔާ ވަނީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ނިޒާމު ބައެއް ފަރާތްތަކުން ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް ބަންޑާރަނައިބުގެ ނައިބު (ޑެޕިއުޓީ އެޓަރނީ ޖެނެރަލް) އިއްޔެ ދެއްކެވި ވާހަކަފުޅާ ގުޅޭގޮތުން ސުވާލުކޮށްފައެވެ. އިންފޮމޭޝަން ކޮމިޝަނަރު އެފަދަ މައްސަލައެއް ނެތް ކަމަށް ވިދާޅުވެފައިވާކަން ފާހަގަކޮށް، ސަރުކާރުން މި ގާނޫނަށް ފުރިހަމައަށް އަމަލުނުކުރަނީ ކީއްވެގެންތޯ ނޫސްވެރިޔާ ސުވާލު އުފެއްދިއެވެ. އަދި އާރު.ޓީ.އައި ތަކަށް ޖަވާބު ދިނުމުގައި ލަސްތަކެއް އުޅޭކަމާއި، ބައެއް ހުށަހެޅުންތަކަށް ޖަވާބު ނުލިބޭކަމުގެ ކަންބޮޑުވުންތައް ވެސް ވަނީ ފާހަގަކޮށްފައެވެ.

މި ސުވާލުތަކަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ މަރުޙަލާގައި އަމަލީ ގޮތުން ދިމާވާ ބައެއް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އެގޮތުން އެއް މައްސަލައަކީ، މަޢުލޫމާތު ހޯދުމަށް އެދި ހުށަހަޅާއިރު، އެ މަޢުލޫމާތެއް ބަލަހައްޓާ ޒިންމާދާރު ވުޒާރާއަކަށް ނުވަތަ މުއައްސަސާއަކަށް ނޫން ތަންތަނަށް ހުށަހެޅުން ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އެއް މަޢުލޫމާތެއް ހޯދުމަށް އެކި ވުޒާރާތަކަށް ތަކުރާރުކޮށް ހުށަހެޅުންތައް ލިބެމުންދާކަން ވެސް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

”ބައެއް ހާލަތްތަކުގައި އެއް ކަމަކާ ނުވަތަ އެއް ޚަބަރަކާ ގުޅޭގޮތުން ގާތްގަނޑަކަށް 50 އެއްހާ މީހުން އެއް ސުވާލެއް ހުށަހަޅާފައިވާ ކަންކަން ވެސް ފެންމަތިވޭ،“ މުންދު ވިދާޅުވިއެވެ.

ތަރުޖަމާނު އިތުރަށް ވިދާޅުވީ، ބައެއް އާރު.ޓީ.އައި ހުށަހެޅުންތަކަކީ މުއައްސަސާއަކުން ބަލަހައްޓާ ސީދާ މަޢުލޫމާތެއް ހޯދުމުގެ ބަދަލުގައި، ފުޅާ ދާއިރާއެއްގައި ތަފާސްހިސާބު އެކުލަވާލުމަށް ނުވަތަ ވަކި ނަތީޖާއެއް ނެރުމަށް އެދި ހުށަހަޅާ ކަންކަން ކަމަށެވެ. މިއީ މުއައްސަސާތަކަށް އިތުރު ބުރައަކަށް ވެގެންދާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ދެފުށް ފެންނަ، މަޢުލޫމާތު ހާމަކުރުމަށް އިސްކަންދޭ ސަރުކާރެއްކަން ތަކުރާރުކުރައްވަމުން، އާރު.ޓީ.އައިގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމުގައި ހުރި އަމަލީ ދަތިތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާނެ ކަމަށް މުންދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: