މީޑިއާ ވިލެޖް މަޝްރޫޢުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި، އަންނަ ޖޫން މަހުގެ ނިޔަލަށް އެ މަޝްރޫޢު ނިންމާލެވޭނެ ކަމަށް ސަރުކާރުގެ ތަރުޖަމާން މުހައްމަދު ހުސެއިން ޗަރީފް ވިދާޅުވެއްޖެއެވެ.
މީޑިއާ ވިލެޖް މަޝްރޫޢުގެ މަސައްކަތް ލަސްވަމުންދާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ތަރުޖަމާން މުހައްމަދު ހުިސެއިން ޝަރީފު ވިދާޅުވީ، މަޝްރޫޢުގެ މަސައްކަތްތަކަށް މަޑުޖެހުމެއް އައީ ސަރުކާރުގެ އޮނިގަނޑަށް ގެނެވުނު ބަދަލުތަކާއި މިނިސްޓްރީތަކުގެ މެންޑޭޓަށް އައި ބަދަލުތަކާ ގުޅިގެން ކަމަށެވެ. މިއީ އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ހުރުމުން ދިމާވި ލަސްވުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް، މިހާރު އެ ހުރިހާ ކަމެއް ހަމަޖެހި، މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމުގެ ޔަގީންކަން މުންދު ވަނީ ދީފައެވެ. ތަރުޖަމާނު އިތުރަށް ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ އަންނަ ޖޫން މަހުގެ ކުރިން މީޑިއާ ވިލެޖްގެ ހުރިހާ މަސައްކަތްތަކެއް ނިންމައި، ނޫސްވެރިންނަށް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
މީޑިއާ ވިލެޖަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނޫސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި، ނޫސްވެރިންނަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމުމުން ރާއްޖޭގެ މީޑިއާތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

