ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަހުވަދޫގައި އަމިއްލަ ގޯތީގައި 50 ހައުސިން ޔުނިޓް އަޅަން ސަރުކާރާ ހަވާލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދ. ކުޑަހުވަދޫގައި އަމިއްލަ ގޯތީގައި 50 ހައުސިން ޔުނިޓް އެޅުމަށްޓަކައި، ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ކުޑަހުވަދޫގެ ރައްޔިތުންގެ އަމިއްލަ ގޯތީގައި އިމާރާތްކުރާ މި 50 ހައުސިން ޔުނިޓުގެ މަސައްކަތް ފެށުމަށްޓަކައި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން މިއަދު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ. ރައީސް މީގެ ކުރިން ވިދާޅުވެފައިވަނީ ކުޑަހުވަދޫގައި ކުރިއަށް ގެންދާ 500 ހައުސިން މަޝްރޫއުގެ ތެރެއިން، އަމިއްލަ ގޯތި އޮވެ، ފައިސާގެ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު ނޭޅިފައި ތިބި ފަރާތްތަކަށް ސަރުކާރުން ގެދޮރު އަޅައިދެއްވާނެ ކަމަށެވެ.

”މި 500 ހައުސިން މަޝްރޫއުގެ ތެރެއިން ތިބޭފުޅުންގެ އަމިއްލަ ގޯތީގައި ތިން ކޮޓަރީގެ ގެއެއް އަޅަން ބޭނުންވާ ފަރާތެއް ވާނަމަ އެކަން ފާހަގަކޮށްދިނީމާ، އަޅުގަނޑުމެން މި މަޝްރޫއުގެ ތެރެއިން ވަކި އަދަދެއް ކަނޑައަޅާނީ ތިބޭފުޅުންގެ އަމިއްލަ ގޯތީގައި ގެއެއް އަޅައިދޭން،“ ރައީސް އެދުވަހު ވިދާޅުވެފައިވެއެވެ.

މި މަޝްރޫއު ހިންގުމަށް ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ހަ ވަނަ ދުވަހުއެވެ. 18 މަސް ދުވަހުގެ ތެރޭގައި ނިންމަންޖެހޭ މި މަޝްރޫއުގެ ދަށުން އަޅަނީ 900 އަކަފޫޓުގެ، ތިން ކޮޓަރީގެ ހައުސިން ޔުނިޓުތަކެކެވެ.

މި މަޝްރޫއުގެ އެންމެ ހާއްސަ އެއް ކަމަކީ، އަމިއްލަ ގޯތީގައި ތަރައްގީކުރާ މި ޔުނިޓުތަކަށް ފައިސާ ދައްކަން ޖެހޭނީ އެ އިމާރާތުގެ މަސައްކަތް އެއްކޮށް ނިމި، ގެއަށް ވަދެވޭ ހިސާބުން ކަމަށް ވުމެވެ. މިއީ ގެދޮރު އެޅުމަށް މާލީ ދަތިކަން ކުރިމަތިވެފައިވާ އާއިލާތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: