ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2028 ގެ ރިޔާސީ އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރާނީ ރައީސް މުއިއްޒު: އަބްދުއްރަހީމް

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ޖުމްހޫރީ ހަޔާތުގައި، ރިޔާސީ ދެވަނަ ދައުރަކަށް ރައްޔިތުންގެ ވޯޓުން އިންތިހާބުވާނެ ފުރަތަމަ ރައީސަކަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގަންނަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ.

އއ. ހިމަންދޫން ލިބުނު ކާމިޔާބީ ފާހަގަކުރަން ރޭ ބޭއްވި ޖަލްސާގައި، އަބްދުއްރަހީމް ވިދާޅުވީ، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ރައީސް މުއިއްޒު ކާމިޔާބު ކުރައްވާނީ ވަރަށް ބޮޑު ތަފާތަކުން ކަމަށެވެ. މިއީ ރައްޔިތުންގެ އިހުސާސްތައް ދަނެގެން ކުރާ ވެރިކަމެއް ކަމަށާއި، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓަން ބޭނުންވާ ނަމަ ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ގައުމީ ވާޖިބެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

އިދިކޮޅު ފަރާތްތަކުން ގައުމު ބަނގުރޫޓުވާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި އަބްދުއްރަހީމް ވިދާޅުވީ، ސަރުކާރުން މިހާރުވެސް ދަނީ މާލީ ގޮންޖެހުންތަކުން އަރައިގަނެ، ކާމިޔާބު މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެގޮތުން ވޭތުވެދިޔަ މަހު އެކަނިވެސް އެއް ބިލިއަން ޑޮލަރާ ގާތްކުރާ އަދަދެއްގެ ލޯނު ދައްކައި، ދައުލަތުގެ މުވައްޒަފުންނަށް މުސާރަދީ، ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށްގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރާ ޕީއެންއެފްގެ ހަރަކާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވީ، މަގުމަތީގައި ހަޅޭއްލަވައިގެން ގައުމު ހަލަބޮލިކުރަން އުޅޭ އުޅުމަކީ އަމިއްލަ އެދުން އިސްކޮށްގެން ކުރާ ކަމެއް ކަމަށެވެ. އަދި އެފަދަ ހަލަބޮލިކަމަކަށް ޖާގަ ނުދިނުމަށާއި، ރައީސް މުއިއްޒާއެކު ސާބިތުވެ ތިބުމަށް އޭނާ ވަނީ ޕީއެންސީގެ ސަޕޯޓަރުންނަށް ގޮވާލާފައެވެ.

”ޝައްކު ނުކުރައްވާތި، މާޔޫސްވެ ވަޑައިނުގަންނަވާތި. އިރާދަކުރެއްވިއްޔާ 2028 ވަނަ އަހަރު މި ގައުމުގައި ބޭއްވޭ ރިޔާސީ އިންތިހާބު ބޮޑުތަނުން ކާމިޔާބުކުރާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު،“ އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ސަރުކާރުން ބިނާކުރަނިވި ފާޑުކިޔުންތަކަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ. ނަމަވެސް، ރައީސްގެ އަބުރުފުޅު ކަތިލުމަށް ކުރާ މަސައްކަތްތަކާއި ޒާތީ ހަސަދަ އިސްކޮށް ކުރާ ޖަދަލުތަކަށް ޕީއެންސީންވެސް ފަސްނުޖެހި ރައްދުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: