މި ދުވަސްވަރު ރާއްޖޭގައި އިންފުލުއެންޒާ ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވަމުންދާތީ، ކުރިއަށް އޮތް ބޮޑު އީދު ބަންދުގެ ކުރިން އެ ބަލިން ރައްކާތެރިވުމަށްޓަކައި އިންފުލުއެންޒާ ވެކްސިން ޖެހުމަށް އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރު މުޙައްމަދު އަލީ އިލްތިމާސްކުރައްވައިފިއެވެ.
ޑރ. މުޙައްމަދު އަލީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މިހާރު ރާއްޖޭގައި އިންފުލުއެންޒާ ޖެހޭ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން، އީދު ބަންދު ފެށުމުގެ މަދުވެގެން ދެ ހަފުތާ ކުރިން ވެކްސިން ޖެހުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެއީ ވެކްސިން ޖެހުމަށްފަހު، ހަށިގަނޑުގައި އޭގެ ދިފާއީ ބާރު އުފެދި، ވައިރަހާ ދެކޮޅަށް މަސައްކަތް ކުރަން ފެށުމަށް ގާތްގަނޑަކަށް ދެ ހަފުތާގެ މުއްދަތެއް ނަގާނެތީއެވެ.
އިންފުލުއެންޒާ އަކީ ވައިރަހެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބަލި ޖައްސާ ވައިރަހުގެ ތެރޭގައި އޭ، ބީ އަދި ސީ ވައިރަސް ހިމެނެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ މާލެ ސަރަހައްދުގައި އިންފުލުއެންޒާ އާއި އަރިދަފުސް ރޯގާ އިތުރުވަމުންދާތީ، މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ. ވަކިން ޚާއްޞަކޮށް، ބަންދު ދުވަސްތަކާ ދިމާކޮށް ގިނަ ބަޔަކު އެއްވެ އުޅޭ ތަންތަނަށް ދާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިއްމު ކަމެކެވެ.
އަރިދަފުސް ރޯގާ އަދި ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ތިރީގައިވާ ފިޔަވަޅުތައް އެޅުމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވައެވެ:
- އަތް ދޮންނަން ޖެހޭ ހާލަތްތަކުގައި، ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން ނުވަތަ ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުން.
- އަރިދަފުސް ރޯގާ ހުރި ނަމަ، އަދި ކެއްސާ ކިނބިހި އަޅާއިރު، ޓިޝޫއަކުން ނުވަތަ އުޅަނބޮށި ބޭނުންކޮށްގެން ނޭފަތާއި އަނގަ ރަނގަޅަށް ނިވާކުރުން.
- ހުން އައިސް ރޯގާޖެހި ތިން ދުވަހަށްވުރެ އިތުރުވާނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފައާއި އިރުޝާދު ހޯދުން.
ރާއްޖޭގައި މިދުވަސްވަރު މޫސުން ބަދަލުވެ، ވިއްސާރަވުމުގެ ސަބަބުން މިފަދަ ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑުކަމަށްވެސް އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

