ރާއްޖޭން ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ތެރެއިން، ރާއްޖޭގައި ތިބި ބެލެނިވެރިންގެ ކާޑު ބޭނުންކުރާ ކުދިންނަށް ޚާއްސަ ”ސްޓޫޑަންޓް ކާޑު“ ހައްދަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތިން މަސްދުވަހުގެ މުއްދަތެއް ދީފިއެވެ.
ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރުފިޔާ ޑެބިޓް ކާޑުތަކަށް ބޭންކުން ވިއްކާ ޑޮލަރުގެ ލިމިޓަށް ގެނައި ބަދަލުތަކާއެކުވެސް، ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށާއި ބޭރުގައި ދިރިއުޅޭ މީހުންގެ ކާޑުތަކަށް މިހާރު ދޫކޮށްފައިވާ ލިމިޓްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. ނަމަވެސް، ރާއްޖޭގައި ތިބޭ ބެލެނިވެރިންގެ ކާޑު ބޭރުގައި ބޭނުންކުރާ ދަރިވަރުންނަށް އެ ފުރުސަތު ދެވޭނީ ކުރިއަށް އޮތް ތިން މަސްދުވަހުގެ މުއްދަތަށެވެ. އެ މުއްދަތުގެ ތެރޭގައި އެ ދަރިވަރުން އަމިއްލަ ސްޓޫޑަންޓް ކާޑެއް ހައްދަން ޖެހޭނެ ކަމަށް ބޭންކުން ބުނެއެވެ.
މި ފިޔަވަޅުތައް އަޅަން ޖެހުނު މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ މަސްރަހާ ގުޅިގެން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވެ، ބޭންކަށް ބޭރު ފައިސާ ގަންނަން ލިބޭ މިންވަރު މަދުވުމެވެ.
ބޭންކުން ހާމަކުރި ގޮތުގައި، ރުފިޔާ ކާޑުތަކުން ކުރާ މުއާމަލާތްތަކަށް މިހާރުވެސް ދުވާލަކު 1.33 މިލިއަން ޑޮލަރު ބޭންކުން ވިއްކަންޖެހެއެވެ. އެހެންކަމުން، އާންމުންގެ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ފޯރުކޮށްދިނުން ކަށަވަރުކުރުމަށްޓަކައި ބޭންކުން ވަނީ ނިޒާމުތައް އިތުރަށް ހަރުދަނާކޮށްފައެވެ.
މީގެ އިތުރުން، ބައެއް އީ-ކޮމާސް އަދި އޮންލައިން ރީޓެއިލް ސައިޓްތަކުން ވިޔަފާރިކުރުމަށް ބޭންކުން މިހާރު ވަނީ ކޮންމެ ދުވަހަކަށް ވަކި ބަޖެޓެއް ކަނޑައަޅާފައެވެ. އެ ބަޖެޓް ހަމަވުމުން އެ ދުވަހަކު އެފަދަ ސައިޓްތަކުން ވިޔަފާރިއެއް ނުކުރެވޭނެއެވެ. އަދި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ރުފިޔާ ކާޑުތައް ބޭނުންކުރާ މައްސަލަ ހައްލުކުރުމަށްޓަކައި، ކޮންމެ ކަސްޓަމަރަކަށް މަހަކު އީ-ކޮމާސްގައި ހެދޭނެ ޓްރާންސެކްޝަންގެ އަދަދަކީ 30 ކަމަށްވެސް މިހާރު ވަނީ ކަނޑައަޅާފައެވެ.
ބޭންކުން ބުނިގޮތުގައި، ރާއްޖޭން ބޭރަށް ނުދާ މީހުންގެ ކާޑު ހިފައިގެން ގޮސް ބޭރުގައި މުއާމަލާތްކުރާ މައްސަލަ ހައްލުކުރުމަށްޓަކައި، މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން ”ފޮރިން ސްޕެންޑް ލިމިޓް“ އެކްޓިވްވާނީ ހަމައެކަނި ކަސްޓަމަރު ރާއްޖޭން ބޭރުގައި ހުންނަ ވަގުތުތަކުގައެވެ.

