ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ދ. ކުޑަހުވަދޫގެ ކުޑަކުދިންނަށް ހާއްސަކޮށްގެން ތަރައްގީކުރި ވޯޓާ ޕާކެއް އިއްޔެ ރަސްމީކޮށް ހުޅުވައިފިއެވެ.
ކުޑަހުވަދޫ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި މަޝްރޫއަކީ، ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އެ ރަށުގެ ކުދިންނަށް އުފާވެރި އަދި މުނިފޫހިފިލުވުމުގެ މާހައުލެއް ގާއިމުކޮށްދިނުމަށް ހުޅުވި ތަނެކެވެ. ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، މި ވޯޓާ ޕާކަކީ މުޅިންވެސް ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްގެން ބިނާކޮށްފައިވާ ތަނެކެވެ.
ޕާކު ހުޅުވުމާ ގުޅޭގޮތުން ކައުންސިލުން ވިދާޅުވީ، ޕާކު ހުޅުވި ފުރަތަމަ ހަފްތާގައި އެއްވެސް ފީއަކާ ނުލައި ކުދިންނަށް ޕާކުގެ ބޭނުން ހިފޭނެ ކަމަށެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި ޕާކަށް ވަނުމަށް ވަކި ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.
”މިތަނަށް އަދި ފީއެއް ނުނެގި ނަމަވެސް ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައި. ސަބަބަކީ ޕާކުގެ އެއްވެސް މަރާމާތެއް ކުރަން ޖެހިއްޖެ ހާލަތެއްގައިވެސް ވަރަށް ބޮޑު ހަރަދެއް ދާނެތީ،“ ކުޑަހުވަދޫ ކައުންސިލުން މައުލޫމާތު ދެއްވިއެވެ.
ކައުންސިލުން އިތުރަށް ވިދާޅުވީ، ޕާކުން ފީ ނެގުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައަޅާނީ އަލަށް ކައުންސިލަށް އިންތިހާބުވި މެމްބަރުންގެ މަޝްވަރާ އާއި އެއްބާރުލުމާ އެކުގައެވެ.
މި ވޯޓާ ޕާކަކީ ކުޑަހުވަދޫގެ ކުޑަކުދިންނަށާއި ބެލެނިވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި އެ ރަށުގެ ރައްޔިތުން ދެކެއެވެ.

