ދިވެހި ”އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު“ ޕްރިންޓް ކުރުމަށް ބޭނުންކުރާ ބުކްލެޓްގެ ސްޓޮކް ރާއްޖެއަށް ގެނައުމުގައި ލަސްތަކެއް ދިމާވުމާ ގުޅިގެން، އީ-ޕާސްޕޯޓު ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.
ދިވެހި ”އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު“ ޕްރިންޓްކުރުމަށް ބޭނުންކުރާ ”ޕާސްޕޯޓު ބުކްލެޓް“ ގެ ސްޓޮކް ދިވެހިރާއްޖެއަށް ގެނައުމުގައި ލަސްތަކެއް ދިމާވުމާ ގުޅިގެން، އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓުގެ ސްޓޮކް މެނޭޖްކުރުމުގެ ބޭނުމަށް، މާދަމާއިން ފެށިގެން ދިވެހި ޕާސްޕޯޓަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އޯޑިނަރީ ޕާސްޕޯޓަށް އެދި ހުށަހަޅުއްވާ ހުރިހާ ފަރާތްތަކަށް ދޫކުރެވޭނީ ”ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު“ ކަމުގައި އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.
ޕާސްޕޯޓުގެ ބާވަތަށް އައި ބަދަލާއެކު، ޚިދުމަތުގެ އަގަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. އާންމުކޮށް އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓެއްގެ ފީއަކީ 1,000 ރުފިޔާ ނަމަވެސް، މިހާރު ދޫކުރަން ނިންމާފައިވާ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓުގެ ފީއަކީ 600 ރުފިޔާއެވެ.
މީގެއިތުރުން، މިފަދަ ހާލަތްތަކުގައި މީގެކުރިން ޢަމަލުކުރާ ގޮތާ ހިލާފަށް، އޯޑިނަރީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ހައްދަވާ ފަރާތްތަކުން ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ ކުރިން އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓެއް ހައްދަވަން ބޭނުންވާ ހާލަތްތަކުގައި ”ކެންސަލޭޝަން ފީ“ ނެގުމަކާ ނުލާ، ޕާސްޕޯޓު ހެއްދޭނެ ކަމަށް ވެސް އިމިގްރޭޝަނުން ނެރުނު ބަޔާނުގައި ވެއެވެ. މި ބަދަލާ ގުޅިގެން ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް އިމިގްރޭޝަނުން ވަނީ މައާފަށް އެދިފައެވެ.

