ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި މަޝްހޫރު ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު އެ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ މެންދަމު 00:09 އެހައިކަންހާއިރުއެވެ. މި ހަމަލާގައި އަނިޔާވެފައިވަނީ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލު ހާމަކުރަމުން ފުލުހުން ވިދާޅުވީ، ހަމަލާގެ ޝިކާރައަކަށްވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ ނާޒިމް ސައްތާރަށް ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް މި ހަމަލާ އަމާޒުވެފައިވަނީ ރޭގެ ވަގުތެއްގައި މާލޭގެ މަގުމަތިން ހިނގާފައި ދަނިކޮށެވެ. ނަމަވެސް، މި ހަމަލާ ދިން ސަރަހައްދެއް ނުވަތަ ހަމަލާދިނުމަށް ބޭނުންކުރި އާލަތުގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

