ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އޮޕަރޭޝަން ކުރަނގި“ އަކީ ކުރީގެ ސަރުކާރުތަކަށް ނުހޯދުނު ބޮޑު ކާމިޔާބީއެއް: އިހްސާން

ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން، ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ފެށި ”އޮޕަރޭޝަން ކުރަނގި“ އަކީ ވޭތުވެދިޔަ ސަރުކާރުތަކަށް ހައްލުނުކުރެވި އޮތް ބޮޑު މައްސަލައެއް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހޯއްދެވި ބޮޑު ކާމިޔާބީއެއްކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާނާއި ފޮޓޯ އަދި ބަޔޯމެޓްރިކް މައުލޫމާތު އެއްކުރުމަށް ”އޮޕަރޭޝަން ކުރަނގި“ ފަށާފައިވަނީ 2024 ވަނަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަނާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު މިއަދު ވިދާޅުވީ، ސައްހަ ވޯކްޕާމިޓްގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކްސް މިހާރު ނެގިފައިވާ ކަމަށެވެ.

އިހްސާން ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ގައުމީ ބޮޑު އިސްކަމެއް ދޭންޖެހޭ މަސައްކަތެއްގެ ގޮތުގައި ރައީސް ވަނީ އެ ވުޒާރާއާ ހަވާލުކުރައްވާފައެވެ. އަދި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެ ވުޒާރާގެ ޓީމާއި ދައުލަތުގެ މުއައްސަސާތަކުން މި ލަނޑުދަނޑި ހާސިލުކުރުމަށް ވަރުބަލިކަމެއް ނެތި މަސައްކަތް ކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކުރީގެ ސަރުކާރުތަކަށް ހައްލު ނުކުރެވި ދިގުލައިގެން ގޮސްފައިވާ މި ބޮޑު ގައުމީ މައްސަލައަށް، މި އޮޕަރޭޝަންގެ ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގައި ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކުރިއެރުންތަކެއް ހޯއްދެވީތީ، ރައީސް ޑރ. މުއިއްޒަށް މަރުހަބާއެއް ދަންނަވަން

ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، 17 ނޮވެމްބަރު 2023 ގައި ބިދޭސީންގެ ބަޔޯމެޓްރިކް މައުލޫމާތު އެއްކުރެވިފައި ހުރީ އެންމެ 13 އިންސައްތައިގައެވެ. ނަމަވެސް މިހާރު ވަނީ އެކްޓިވް ވޯކްޕާމިޓްގައި ތިބި 98 އިންސައްތަ މީހުންގެ 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ނަގައި ނިމިފައެވެ.

ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ސަރުކާރުން އަމާޒު ހިފާފައިވަނީ ބާކީ ތިބި މީހުން ހޯދައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރާއްޖެއިން ޑީޕޯޓްކުރުމުގެ ހާއްސަ މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ. މިއީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: