ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ މުވައްޒަފުން ސިވިލް ސަރވިސްގެ ދަށަށް ބަދަލުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅައިފިއެވެ.
ގާނޫނަށް މި އިސްލާހު ހުށަހަޅުއްވާފައިވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޙަމަދު ޢަބްދުއްލޯއެވެ.
ބިލު ހުށަހެޅުއްވި މައިގަނޑު ސަބަބަކީ އެލްޖީއޭގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށްޓަކައި އެ އޮތޯރިޓީގެ މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުމެވެ. މީގެ އިތުރުން، ރަށްރަށާއި ސިޓީތަކުގައި ލޯކަލް ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ އާންމު ޚިދުމަތްތަކުގެ ތެރޭގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ހިމެނުމަކީވެސް މި އިސްލާހުގެ މަގުސަދެއް ކަމަށް ސަރުކާރުން ބަޔާންކުރެއެވެ.
ލާމަރުކަޒީ ޤާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމުގެ ޒިންމާ އޮންނަ އެލްޖީއޭގެ މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު މިހާރު އޮންނަނީ އެ އޮތޯރިޓީގެ ބޯޑަށެވެ. ނަމަވެސް، އަލަށް ހުށަހެޅި އިސްލާހުގައި ވަނީ ބޯޑަށް އޮންނަ އެ ބާރު އުނިކޮށް، އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ ލަފާގެ މަތިން މުވައްޒަފުން އައްޔަންކޮށް ވަކިކުރުމުގެ ބާރު ސިވިލް ސަރވިސް ކޮމިޝަނަށް ދިނުމަށެވެ.
މި އިސްލާހުގައިވާ ގޮތުން އެލްޖީއޭގެ މުވައްޒަފުންނާ ގުޅޭ ކަންކަމުގައި ޒިންމާދާރު އިސްވެރިޔަކީ އެ އޮތޯރިޓީގެ ސީއީއޯއެވެ. އަދި އެ އޮތޯރިޓީގެ މަޤާމުތަކުގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، މި އިސްލާހުގެ ދަށުން ކައުންސިލްތަކުން ދޭންޖެހޭ ޚިދުމަތްތަކުގެ ދާއިރާ ފުޅާކޮށް، ރަށްރަށާއި ސިޓީތަކުގެ ކުނި މެނޭޖުކުރުމުގެ ޚިދުމަތަކީ ޤާނޫނީ ގޮތުން ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތެއްގެ ގޮތުގައި ވަނީ ހިމަނާފައެވެ.

