އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ކުރިމަގު ބައްޓަންކުރުމުގައި ވިޔަފާރިވެރިންގެ ބައިވެރިވުން އިތުރުކުރުމަށް ބާއްވާ ”އައްޑޫ ބިޒްނަސް ޑައިލޮގް“ ގައި އައްޑޫއަށް ނިސްބަތްވާ ބޮޑެތި ވިޔަފާރިވެރިން ބައިވެރިވެވަޑައިގެން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވާނެ ކަމަށް އިޤްތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މި މަހާސިންތާ ކުރިއަށްދާނީ މެއި މަހުގެ 13 އިން 14 އަށެވެ. މި މަހާސިންތާގައި ބައިވެރިވުމަށް 500 އަށްވުރެ ގިނަ ފަރާތުން ރަޖިސްޓްރީކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، މި މަހާސިންތާގައި ވިޔަފާރިވެރިންގެ އިތުރުން އައްޑޫ އަތޮޅުގެ އެކި ފަންނުތަކުގެ އިލްމީ ބޭފުޅުންނަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. މި ބައްދަލުވުމުގެ ތެރެއިން އައްޑޫއަށް ހަލުވި ތަރައްޤީއެއް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މުއައްސަސާތަކާއި ވުޒާރާތަކުން ބައިވެރިވެ މަޝްވަރާކުރާނެއެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، އިޤްތިސާދީގޮތުން ރަނގަޅު ނަތީޖާތަކެއް ނެރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަމެއް ދެއްވާ އެއް ދާއިރާއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް (އެސްއެމްއީ) ލުއިތަކެއް ހޯދައިދިނުމެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި ރައީސް ވަނީ ކުދި ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ޚިޔާލާއި ލަފާގެ މައްޗަށް ބިނާކޮށް ކޯޓާ ދިނުމާއި ބަނދަރުގެ މަސައްކަތު ގަޑި އިތުރުކުރުން ފަދަ ގިނަ ކަންތައްތަކަކަށް ޙައްލު ހޯއްދަވައިދެއްވާފައެވެ.
އައްޑޫ ސިޓީއަކީ ”އެކްސެލެރޭޓެޑް ޑިވެލޮޕްމަންޓް“ އެއް ގެނައުމަށްޓަކައި 2027 އިން 2029 އަށް ޚާއްޞަ އިނާޔަތްތަކެއް ދޭނެ ސިޓީއެއްގެ ގޮތުގައި ރައީސް ވަނީ ކަނޑައަޅުއްވާފައެވެ. ވަޒީރު ވިދާޅުވީ މި އަމާޒަށް ވާސިލްވުމަށްޓަކައި ސީދާ ވިޔަފާރިވެރިންގެ އަޑުއަހައި، އެބޭފުޅުންގެ މަޝްވަރާ ހޯދުމަކީ ރައީސް ބޭނުންފުޅުވާ ގޮތް ކަމަށެވެ.
މި މަހާސިންތާއަކީ ސަރުކާރުން އިޤުތިޞާދީ ދާއިރާ ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ ދަށުން، ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް ސަރުކާރަށް ހުށަހެޅުމަށް ލިބޭނެ މުހިންމު ފުރުޞަތެކެވެ. މި ހަރަކާތުގެ ސަބަބުން އައްޑޫ ސިޓީގެ އިޤުތިޞާދަށް އަންނާނެ ކުރިއެރުންތައް ދެނެގަނެވި، ތަރައްޤީގެ މަޝްރޫޢުތައް ބައްޓަންކުރުމަށް ފަސޭހަވެގެންދާނެއެވެ.

